މޯލްޑިވްސް ކަސްޓަމްސް ސާވިސް

2.9 މިލިއަން ރުފިޔާގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބަގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ ބަގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖް ތެރެއިން ކަމަށެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.69 ކިލޯ ހުރިއެވެ. މި ތަކެތީގެ މަގުމަތީ އަގު ދެމިލިއަން ނުވަލައްކައަށް އަރާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

އެ މައްސަލާގައި ޝާމިލްވާ މީހާއާ، މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައިކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.