ހަބަރު

ރައީސް ޔާމީންގެ ޝަރީއަތް އަންނަ ހަފުތާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހަފުތާގެ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

ޓީވީއިން ލައިވްކޮށްގެން ކުރިއަށްގެންދާ ޝަރީއަތުގެ ކުރިއަށް އޮތް އަޑުއެހުން ތާވަލުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 9:30 އަށެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގި އެވެ. މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ.

އެހެންވެ، ދައުލަތުން ވަނީ އޭނާގެ ހެކި ބަހުގެ ބަދަލުގައި އޭނާ ފުލުހަށް ދެއްވާފައިވާ ބަޔާނުގެ ވީޑިއޯ ޝަރީއަތުގައި ބެލުމަށް އެދިފަ އެވެ. އެކަމާ ރައީސް ޔާމީންގެ ފަރާތުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށެވެ. އެގޮތެއް އަންނަ އަޑުއެހުމުގައި އަންގަވާނެ އެވެ.

އޭގެއިތުރަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެން އޮންނަ އަޑުއެހުމަކީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކީގެ ހެކި ބަސް ނެގުމަށް ބާއްވާ އަޑުއެހުމެއްކަން ގާޒީ އިއުލާން ކުރައްވާފައިވެ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.

އަޒީމާގެ ހެކި ބަސް ނެގުމުން މައްސަލަ ނިމުމާ ހަމައަށް ދިޔައީ އެވެ. ދެން އިތުރު އަޑުއެހުމެއް ބާއްވާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ. އެއަށްފަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެ އެވެ. ދެން އަޑުއެހުން ބާއްވާނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުކުމް އިއްވުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.