ސިއްހަތު

ޖަހާފައި ހުންނަ ދަތްތައް ދިރުވާލެވޭ މައްސަލަ އިތުރުވަނީ

ޖަހާފައި ހުންނަ ދަތްތައް ދިރުވާލެވިގެން ނޭވާ ހާސްވާ މައްސަލަތައް އިންޑިޔާގައި މިހާރު އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ބުނެފި އެވެ. މިއީ ކުރިން އެހާ ގިނައިން ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް ފާއިތުވީ ދެ ހަފުތާ ތެރޭގައި މިފަދަ ދެ މައްސަލައެއް ދިމާވެފައިވާ ކަމަށް ވެއެވެ.

މި މައްސަލަ ދިމާވި ފުރަތަމަ މީހާއަކީ ޔެއްލައިއާ ކިޔާ 43 އަހަރުގެ ވިޔަފާރިވެރިއެކެވެ. އޭނާގެ ތިރީ ދަތްތައް ހަރުކޮށްފައިވާ މަސްނޫއީ ދަތްޕިލައެއްގެ ބައެއް ކުރިއްސުރެ ވެސް އިންނަނީ ތަންކޮޅެއް ދޫކޮށެވެ. އޭނާގެ ފިހާރަތެރެއަށް އެއް ދުވަހު އޭނާ ވެއްޓުނު ވަގުތު ދަތްޕިލަ ނެއްޓިގެން ގޮސް ކަރުތެރޭގައި ތާށިވީ އެވެ.

ކަރުތެރޭގައި ތާށީވެފައިވާ ދަތްޕިލަ ނަގާފައިވަނީ އެންޑޯސްކޮޕިކް ސާޖަރީއެއް ހަދައިގެންނެވެ.

ދެން މި މައްސަލަ ދިމާވީ ވީރާ ރެޑީ ކިޔާ 55 އަހަރުގެ މީހަކަށެވެ. މި މީހާގެ އަނގައިގައި ޖަހާފައިވާ ދަތްޕިލަ ދިރުނީ މާ ގަދަޔަށް ކެއްސުމުގެ ތެރޭގަ އެވެ. ދަތްޕިލަ ހަރުކޮށްފައި އިންނަ މެޓަލްބައި އިނީ އޭނާގެ ކާއެއްޗެތިދާ ހޮޅީގައި ހަރުލާފަ އެވެ.

އެންމެ ކުރިން އޭނާއަކަށް މަސްނޫއީ ދަތްޕިލަ ދިރުނުކަމެއް ނޭނގެ އެވެ. ކަރުތެރެއަށް ބުނަން ނޭނގޭ އުނދަގޫތަކެއް ހުއްޓަސް އެއީ ދަތްޕިލަ ތާށިވެގެން ދިމާވާ ކަމެއް ކަމަށް ވީރާ އަކަށް ނުވިސްނުނެވެ. ރޭގަނޑު އޭނާއަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ދަތްޕިލަ ނެތްކަން އެނގުނީ ހެނދުނު ހޭލައިގެން ބެލުމުންނެވެ. މިމީހާގެ ދަތްޕިލައިގެ އެ ބައި ވެސް ނަގަން ޖެހުނީ އޮޕަރޭޝަން ކޮށްގެންނެވެ.

ވީރާ އަށް ފަރުވާ ދިން ޑޮކްޓަރު ވިދާޅުވީ ޖަހާފައި ހުންނަ ދަތްޕިލަ ދޫވެގެން ބޭރަށް ވެއްޓުނަސް އެތެރެއަށް ދާތީ ފެންނަނީ ވަރަށް މަދުންނެވެ.