ސައުދީ އަރަމްކޯ

އަރަމްކޯއަށް ހަމަލާ ދީފައިވަނީ އިރާނުން: ސައުދީ

ސައުދީއަރަބިއްޔާގެ މައި ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯ ފެސިލިޓީސްއަށް ޑްރޯން ހަމަލާ ދިނުމުގެ ހުރިހާ ކަމެެއް ކޮށްފައިވަނީ އިރާނުގައި ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސްމެން ކާނަލް ތުރުކީ އަލް މަނިކް ވިދާޅުވެއްޖެ އެވެ.

ހަމަލާގެ ތަހުގީގީ މައުލޫމާތު އާންމުކުރަމުން ތުރުކީ ވިދާޅުވީ، ހަމަލާ ދީފައިވަނީ އިރާނުންކަން މިހާރު ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ އިރާނުގެ ކޮން ސަރަހައްދަކުން ދިން ހަމަލާއެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ތުރުކީ ވިދާޅުވި އެވެ. މި ތަހުގީގުގައި އެމެރިކާ ޔޫއޭއީ އަދޮ ފްރާންސުން ވެސް ވަނީ ބައިވެރިވެފަ އެވެ.

"އެއްވެސް ޝައްކެއް ނެތް، ހަމަލާދީފައިވަނީ އިރާނުން،" ތުރުކީ ވިދާޅުވި އެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އަރަމްކޯއަށް ހަމަލާދިން ޑްރޯންތަށް އުދުއްސާލާފައިވަނީ އިރާންގެ ހުޅަނގު ޕްރޮވިންސްއެއްގެ ސަރަހައްދަކުންނެވެ. އަރަމްކޯއަށް ހަމަލާ ދިންތަނާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސައުދީން ހަނގުރާމަ ކުރަމުންދާ ޔަމަނުގެ ހޫތީ ސިފައިންވަނީ ހަމަލާގެ ޒިންމާ އުފުލާފަ އެވެ.

ނަމަވެސް ތުރުކީ ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ސްޓަޑީ ކުރުމުން، އެއީ ޔަމަނުން އުދުއްސާލި ދެ ޑްރޯން ކަމާމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި ހަމަލާދިން ތަކެތި ސްޓަޑީ ކުރުމުން އެއީ އިރާނުގެ ހަތިޔާރުކަން އެގުނު ކަމަށެވެ. ތުރުކީ ވިދާޅުވީ، އަރަމްކޯ ފެސިލިޓީސްއަށް ހަމަލާ ދިނުމަށް 18 ޑްރޯން އަކާއި ހަތް މިސައިލެއް ބޭނުންކުރި ކަމަށެވެ. ނަމަވެސް އަމާޒަށް އެރީ ދެ ޑްރޯން އަކުން ފޮނުވާލި ދެ މިސައިލެވެ.

ތަހުގީގީ މައުލޫމާތު އާންމުކުރަމުން ބޭއްވި އެ ނޫސްވެރިންގެ ބައްދަލިވުމުގައި ތުރުކީ އިތުރަށް ވިދާޅުވީ، ސައުދީން އަރަމްކޯއަށް ދިން ހަމަލާގެ ޒިންމާ އިރާންގެ ސަރުކާރު ނުވަތަ އެގައުގެ އަސްކަރިއްޔާގެ ބޮލުގައި ނާޅުވާ ކަމަށެވެ. އެކަން އިގޭނީ ހަމަލާ ދިނުމަށް ބޭނުންކުރި ސީދާ ޕޮއިންޓް އެގުމުން ކަމަށް ތުރުކީ ވިދާޅުވި އެވެ.

އިިރާނުން ވަނީ ސައުދީގެ އަރަމްކޯ ފެސިލިޓީސްއަށް ހަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތަށް ދޮގުކޮށްފަ އެވެ. އަދި އެކަމުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމެއް ބުނެފަ އެވެ. ނަމަވެސް ހަމަލާ ދިނުމުގައި އިރާންގެ ފަސްގަނޑު ބޭނުންކުރި ކަމަށް ކުރާ ތުހުމަތު ދޮގެެއް ނުކުރެ އެވެ.

މި ހަމަލާތަކާއެކު ގަލްފު ސަރަހައްދުގެ މަސްރަހު ގޯސްވެފައިވާއިރު، އިރާނާއި އެމެރިކާގެ ދެމެދުގައި ނުރައްކާތެރި މޭރުމަކުން ބަހުގެ ހަމަލާތަށް ބަދަލު ކުރަމުންދާއިރު، ސައުދީން ވަނީ ހޮރޮމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އިނގިރޭސިވިލާތުން އުފެއްދި އަސްކަރީ ކޯލިޝަނާ ގުޅިފަ އެވެ. މިއީ އިރާން ރުޅި އެރުވުމުގެ ބޭނުމުގައި ކުރި ކަމެއް ކަމެއް ބެލެވެ އެވެ.