ސައުދީ އަަރަބިއްޔާ

އަމަން ބަލަހައްޓަން އެމެރިކާ ސިފައިން ސައުދީގައި ތިބެން ހުއްދަ ދީފި

ސައުދީއަރަބިއްޔާގެ ތެލުގެ މައި ކުންފުނި ކަމަށްވާ އަރަމްކޯ ފެސިލިޓީސްއަށް ދިން ޑްރޯން ހަމަލާތަކަށް ފަހު ސައުދީގެ ދިފާއީ ކަންކަން ބެލެހެއްޓުމުގެ ގޮތުން އެމެރިކާގެ 3،000 ސިފައިން ސައުދީގައި ގާއިމްވެ ތިބުމުގެ ހުއްދަ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު ދެއްވައިފި އެވެ.

މި ހުއްދަ ދޭން ނިންމެއްވީ އިރާނުން ސައުދީއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ. އަރަމްކޯ ފެސިލިޓީސްއަށް ހަމަލާ ދިނުމުގެ ތުހުމަތު އަދި ހަމައެކަނި ކުރެވެނީ އިރާނަށެވެ. އެ ތުހަމަތާއެކު ސައުދީ އާއި އިރާނުގެ ބަސްމަގު ވަނީ ހަމަނުޖެހުމަށް މަގުފަހިވެދާނެ މޭރުމަކަށް ބަދަލުވެފަ އެވެ. ސައުދީން އިރާނާއެކު ކުރަން އުޅުނު މަޝްވަރާތައް މިހާރު ވަނީ މަޑު ޖެހިފަ އެވެ.

އެމެރިކާގެ ސިފައިންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރި ވާނީ، ސައުދީގެ ބާރު ހިނގާ ގަލްފު ސަރަހައްދުގެ ކަނޑުގަ އެވެ. އިރާނުން ދެކޭ ގޮތުގައި މިއީ ގަލްފު ކަނޑާއި ގަލްފު ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދި ހަތިޔާރުގެ ވާދަވެރިކަން އުފެދިގެންދާނެ ފަދަ ކަމެކެވެ. ނަމަވެސް ސައުދީ އާއި އެމެރިކާއިން ބުނަނީ އަތުވެދާނެ ކުއްލި ހަލަމާ އަކުން ސަލާމަތްވުމަށް އެމެރިކާ ސިފައިން ގަލްފުގައި ތިބުން މުހިންމު ކަމަށެވެ.

ސައުދީން ކުރިން ބުނެފައިވާ ގޮތުގައި، އެ ގައުމުން އިރާނާ ހނގުރާމައަކަށް ނުވަތަ ހަމަނުޖެހުން އުފެދޭނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އޭރު ވިދާޅުވީ، އިރާނާއެކު ހަނގުރާމަ ކުރާނަމަ އެކަމުގެ ގެއްލުން ދުނިޔޭގެ އިގްތިސޯދަށް ލިބޭނެ ކަމަށެވެ.

ނަމަވެސް ގަލްފު ސަރަހައްދުގައި އެމެރިކާ ސިފައިން ތިބުމުގެ ހުއްދަ ދީފައި މިވަނީ އިރާނުން އެކަމުގެ ހުއްދަ ނުދޭން ތަކުރާރުކޮށް ސައުދީގެ އިދާރަތަކަށް ގޮވާލަމުން ދަނިކޮށެވެ. އެމެރިކާ ސިފައިން ތިބުމުގެ ހުއްދަ ދިނުމުގެ އެއް ދުވަސް ކުރިން ސައުދީ ކަނޑުގައި އޮތް ތެޔޮ ޓޭންކަރަކަށް ވަނީ ހަމަލާތަކެއް ދީފަ އެވެ. އެ ތުހުމަތު ވެސް ސައުދީން ނުރަސްމީ ގޮތެއްގައި އަޅުވާފައިވަނީ އިރާން އަސްކަރިއްޔާ ބޮލުގަ އެވެ.