ސައުދީ އަރަމްކޯ

ހަމަލާދިނީ އިރާންކަން ސާބިތުވެއްޖެނަމަ ބަދަލު ހިފާނަން: ސައުދީ

ސައުދީ އަރަބިއްޔާގެ އަރަމްކޯ އޮއިލް ފެސިލިޓީސްއަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ އިރާނުގެ ސަރުކާރުކަން ސާބިތު ވެއްޖެނަމަ، ސައުދީން އޭގެ ބަދަލު ހިފާނެ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އަދީލް އަލް ޖުބެއިރް ވިދާޅުވެއްޖެ އެވެ.

އަދީލް ވިދާޅުވީ، މިހާތަނަށް ކޮށްފައިވާ ތަހުގީގުން ހަމަލާ ދިނީ ޔަމަނުގެ ހޫތީން ނޫންކަން އެނގިފައިވާ ކަމަށެވެ. އަދީލް ވިދާޅުވީ، ތަހުގީގީ މައުލޫމާތުތަކުން އެ ހަމަލާދީފައި ވަނީ އިރާނުގެ ސަރަހައްދަކުން އެނގިފައިވާ ކަމަށެވެ. އަދި ހަމަލާދިން ޑްރޯންތަކާއި މިސައިލް ތަކަކީ އިރާނުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ ހަތިޔާރުކަން ވެސް އެނގިފައިވާ ކަމަށެވެ.

"ސައުދީއަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން މުހިންމު، އެ ހަމަލާ ދިނީ އިރާނުގެ ސަރުކާރުގެ އެއްބާރުލުމާއެކުގައި ކަމަށްވާނަމަ، ސައުދީން ހަމަލާ ދިނުމުގައި ފަހަތަކަށް ނުޖެހޭނެ" އަދީލް ވިދާޅުވި އެވެ.

ސައުދީގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ކާނަލް ތުރުކީ އަލް މަނިކު މީގެ ކުރިން ވިދާޅުވެފައި ވަނީ، ހަމަލާ ދީފައިވަނީ އިރާނުގެ ސަރަހައްދަކުންކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް އަރަމްކޯއަށް ޑްރޯން ހަމަލާ ދިނުމުގެ ޒިންމާ ނަގާފައިވަނީ ޔަމަނުގެ ހޫތީ ސިފައިންނެވެ. އަދި އެ ހަމަލާ ދިންތަނާ އިރުކޮޅެއް ފަހުން އެމެރިކާއިން ވަނީ އަރްމްކޯއަށް ހަމަލާ ދިނީ އިރާނުން ކަމަށް ބުނެ، އިރާންގެ އިގްތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފަ އެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އަރަމްކޯއަށް ހަމަލާދިން ޑްރޯންތައް އުދުއްސާލާފައިވަނީ އިރާންގެ ހުޅަނގު ޕްރޮވިންސްއެއްގެ ސަރަހައްދަކުންނެވެ. އިިރާނުން ވަނީ ސައުދީގެ އަރަމްކޯ ފެސިލިޓީސްއަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެކަމުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމެއް ބުނެފަ އެވެ. ނަމަވެސް ހަމަލާ ދިނުމުގައި އިރާންގެ ފަސްގަނޑު ބޭނުންކުރި ކަމަށް ކުރާ ތުހުމަތު ދޮގެެއް ނުކުރެ އެވެ.

މި ހަމަލާތަކާއެކު ގަލްފު ސަރަހައްދުގެ މަސްރަހު ގޯސްވެފައިވާއިރު، އިރާނާއި އެމެރިކާގެ ދެމެދުގައި ނުރައްކާތެރި މޭރުމަކުން ބަހުގެ ހަމަލާތަށް ބަދަލު ކުރަމުންދާއިރު، ސައުދީން ވަނީ ހޮރޮމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އިނގިރޭސިވިލާތުން އުފެއްދި އަސްކަރީ ކޯލިޝަނާ ގުޅިފަ އެވެ. މިއީ އިރާން ރުޅި އެރުވުމުގެ ބޭނުމުގައި ކުރި ކަމެއް ކަމެއް ބެލެވެ އެވެ.