ސައުދީއަރަބިއްޔާގެ ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯ ފެސިލިޓީސްއަށް ހަމަލާދިނީ އިރާނުގެ ސަރުކާރުގެ އެއްބާރުލުމާއެކު ކަމުގައި ވިޔަސް، އިރާނާއެކު ހަނގުރާމައަކަށް ނުދާނެ ކަމަށް ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
މުހައްމަދު ވިދާޅުވީ، ސައުދީން އިރާނާއެކު ހަނގުރާމަ ފަށައިފިނަމަ، ދުނިޔޭގެ އިގްތިސޯދު ބޮޑުތަނުން ދަށްވެގެން ދާނެ ކަމަށެވެ. މުހައްމަދު ވިދާޅުވީ އަރަމްކޯއަކީ ދުނިޔޭގެ 30 ޕަސަންޓް ތެޔޮ އުފައްދާ އަދި އެކްސްޕޯޓް ކުރާ ކުންފުނި ކަމަށްވާއިރު އިރާނަށް ހަމަލާ ދީފިނަމަ އަރަމްކޯއަށް ދެވަނަ ހަމަލާއެއް ދިނުމުގެ ބިރު އެބައޮތް ކަމަށެވެ. ހަނގުރާމަ ފަށައިފިނަމަ ތެލުގެ ބާޒާރުގައި އަގު ބޮޑުވެ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ހިމޭނޭ ގޮތަށް ކުދި ގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އަރަމްކޯގެ މައްސަލައިގައި ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ. އެކަމަކު އިރާނުގެ އެއްބާރުލުމާއެކު ހުތީ ޖަމާއަތުން އަރަމްކޯއަށް ހަމަލާ ދިނުމުގެ މަގްސަދެއް މުހައްމަދު ވިދާޅުވެފައެއް ނުވެ އެވެ. އަރަމްކޯ ފެސިލިޓީސް އެކްސްޕޯޓް ކުރާ ތެލަކީ ދުނިޔޭގެ ޖީޑީޕީގެ ހަތަރު ޕަސަންޓެވެ.
"އަރަމްކޯއަކީ ދުނިޔޭގެ 30 ޕަސަންޓް ތެޔޮ އެކްސްޕޯޓް ކުރާ ކުންފުނި، ހަތަރު ޕަސަންޓު ޖީޑީޕީ، ހަނގުރާމަ ފަށައިފިނަމަ ހުރިހާ ގައުމުތަކެއްގެ ހެން އިގްތިސޯދު ހަލާކުވެ ގްލޯބަލް އިޝޫއަކަށް ވެގެން ހިނގައިދާނެ، މިހާރު ވެސް ބައެއް ގައުމުތަކުގެ ތެލުގެ އަގު ބޮޑުވަނީ ބޮޑުވެފަ" މުހައްމަދު ވިދާޅުވި އެވެ.
އިރާނުން ހިންގި ހަނގުރާމަވެރި އަމަލާ ދެކޮޅަށް ގައުމުތަކުން ތެދުވެ އިރާނަށް ފިޔަވަޅު އަޅަން މިހާރު ޖެހިފައިވާ ކަމަށް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ފިޔަވަޅަކީ ހަމަލާ ދިނުން ކަމަށް ވެގެން ނުވާނެ ކަމަށް ވެސް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. މުހައްމަދު ބޭނުންފުޅު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވާ ޑިޕްލޮމެޓިކް ހައްލެއް ހޯއްދަވާށެވެ. އަދި ވިދާޅުވީ މެދު އިރުމައްޗަށް އަމާންކަން ގެނެވެން އޮތީ އިރާނުގެ ނިއުކިލިއާ ޕްރޮގްރާމްތައް ހުއްޓާލައިގެން ކަމަށެވެ.
މުހައްމަދުގެ ވާހަކަތަކާ ރައްދު ދެއްވާ އިރާނުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.