ދިވެހި ޕްރެމިއާ ލީގް

މާޒިޔާ އެއް ވަނައިގައި ބޮޑު ލީޑެއް

ދަ ގުރާންޑޭ އާ ދެކޮޅަށް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކާއެކު 3-0 މޮޅުވެ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ހބޮޑު ލީޑެއް ނަގައިފި އެވެ.

ދެ ވަނަ އިގައި އޮތް ގުރާންޑޭ ބަލި ކޮށް، މާޒިޔާ ވަނީ ޖުމުލަ 20 ޕޮއިންޓް ހޯދާފަ އެވެ. މިހާރު މާޒިޔާ އާއި ދަ ގުރޭންޑާ އާ ދެމެދު ހަތް ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

ރޭ ކުޅުނު މެޗު ދަ ގުރާންޑޭއަށް މާޒިޔާ ހިފަހައްޓާލެވުނީ މެޗުގެ ފުރަތަމަ ހާފުގައި އެކަންޏެވެ. ދެ ވަނަ ހާފު ފެށިގެން ގާތްގަނޑަކަށް ފުރަތަމަ 15 މިނެޓަށް ފަހު މާޒިޔާއިން ފުރަަމަ ލަނޑު ކާމިޔާބު ކުރި އެވެ. މާޒިޔާއަށް މެޗުގެ 59 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ.

އޭގެ ދިހަ މިނެޓް ފަހުން މާޒިޔާގެ ލީޑް ފުޅާ ކޮށްދިނީ ވައިސް ކެޕްޓަން އަމްދާން އަލީ (އެންޑީ) އެވެ. ތިން ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.