ހަބަރު

ރިލްވާން މައްސަލާގައި ފުލުހުންގެ އިހުމާލެއް ނެތް: އެންއައިސީ

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައި ނުވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު އެންއައިސީއަށް ހުށަހެޅި މައްސަލައެއްގެ ޖަވާބު އޭގެ ފަސް އަހަރު ފަހުން މިއަދު ވަނީ ދީފަ އެވެ.

އެ ލިޔުމުގައި އެންއައިސީ އިން ބުނެފައި ވަނީ ރިލްވާން ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމުގައި އެ ސާވިސް އިން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ތަހުގީގު ކުރުމުގައި އިހުމާލެއްވެފައިވާ ކަން އެނގޭ އެއްވެސް ހެއްކެއް ގަރީނާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ފުލުހުން އެ މައްސަލާގައި އިހުމާލު ވެފައި ނުވާ ކަމަށް ނިންމާފައިވާ ކަމަށް އެންއައިސީ އިން ބުންޏެވެ.

މީގެ ފަސް އަހަރު ކުރިން އެންއައިސީއަށް ހުށަހެޅުނު އެ މައްސަލައިގެ ތަހުގީގު ނިމިފައި ވަނީ ސެޕްޓެމްބަރު 2 ގައެވެ. ރިލްވާންގެ މައްސަލާގައި މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އިން ހަގީގަތްތައް މީޑިއާގައި ހާމަކޮށްފައި ވަނީ އޭގެ އެއް ދުވަސް ކުރިންނެވެ.