ސްރީލަންކާ

ލަންކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރު 16 ގައި

ސްރިލަންކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު މަހު 16 ވަނަ ދުވަހު ބާއްވަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ލަންކާ އިލެކްޝަން ކޮމިޝަންގެ ޗެއާމަން މަހިންދާ ޑެސްޕްރިޔާ ވިދާޅުވީ، އިންތިހާބަށް ނަން ހުށަހަޅާ ކެންޑިޑޭޓުންގެ ޑިޕޮސިޓް މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހާ ބަލައިގަންނަން ނިންމާފައިވާތީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ލިބޭނީ ފަސް ވަރަކަށް ހަފްތާ ކަަމަށެވެ. ލަންކާގައި ވޯޓު ލުމުގެ ހަައްގު ލިބިގެންވާ 15.99 މިލިއަން މީހުން އުޅެ އެވެ.

މިހާރު ލަންކާގެ ރައީސް މައިތިޕާލާ ސިރިސޭނާގެ ރިޔާސީ ދައުރު ހަމަވާން ބާކީ އޮތީ އެންމެ ދެ މަހެވެ. ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ސިރިސޭނާ އަދި ވެސް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީން އިންތިހާބަށް ނުކުންނަ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ގޯޓާބޭ ރާޖަޕަކްސާ، ހަމަޖައްސައިފަ އެވެ.

ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ވިކްރަމްސިންހަ ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވެ އެވެ. ނަމަވެސް ރަނިލް ނިސްބަތްވާ ޕާޓީ ޔޫއެންޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވުމުން އަދި ގޮތެއް ވަނީ ނުނިންމިފަ އެވެ. އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ ލަންކާގެ ކުރީގެ ރައސް ރާޖްޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބޭ އާއި ރަނިލްގެ ޔޫއެންޕީން ނެރޭ ކެންޑިޑޭޓާ ދެމެދުގަ އެވެ.

މި އިންތިހާބު ވެގެންދާނީ ލަންކާގައި ބާއްވާ އަށް ވަނަ ރިޔާސީ އިންތިހާބަށެވެ. އެންމެ ފަހުން ލަންކާގައި ރިޔާސީ އިންތިހާބެއް ބާއްވާފައި ވަނީ ޖެނުއަރީ 8، 2015 ގަ އެވެ.

ރިޔާސީ ދައުރެއްގެ މުއްދަތަކީ ހަ އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން ރިޔާސީ ދައުރު މިހާރު ވަނީ ފަސް އަހަރަށް ކުރުކޮށްފަ އެވެ. އަދި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރުގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.