އެފްއޭއެމުގެ ޓެކުނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިހްސާން އަބްދުލް ގަނީ (ސާންތީ) އެ މަގާމުން އިސްތިއުފާ ދީފި ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.
މި ކަމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒުއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އޭނާ އަށް ވަޓްސްއެޕް މެދުވެރިކޮށް ކުރި މެސެޖަށް ޖަވާބު ދީފައެއް ނުވެ އެވެ. މިކަން ކަށަވަރު ކުރުމަށް އަވަސް އިން ސާންތީއަށް ގުޅުމުން އޭނާގެ ފޯނަށް ގުޅޭ ގޮތެއް ނުވި އެވެ.
އެނގިފައިވާ ގޮތުގައި މަގާމުން ސާންތީ އިސްތިއުފާ ދިނީ ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން އޭނާ ވަކިކޮށް ދިނުމަށް އެދި އެފްއޭއެމް އަށް ޕެޓިޝަނެއް ހުށަހެޅި ހިސާބުންނެވެ.
ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ފުރި ސާންތީ، މެދުކެނޑުމަކަށް ފަހު އެފްއޭއެމްގައި މަސައްކަތް ކުރަން ފެށީ 2017 ވަނަ އަހަރު މާލޭ ލީގަށް ފަހު އެވެ. އޭނާ އެންމެ ފުރަތަމަ ހަވާލުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމާ އެވެ.
ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓް ހިންގަވާފަ އެވެ. އަދި އޭރު ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ތުރުކީގެ ކޭން ވަންލީ މަގާމުން ވަކިވުމުން ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ސާންތީ ހަމަ ޖެއްސި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގައި ސާންތީ ގެ ދަށުން ކޯޗުން ތަމްރީން ކުރުމަށް ގިނަ ކޯސްތަކެއް މާލެ އާއި ރާއްޖެތެރޭގައި ގިނަ އަދަދަކަށް ހިންގި އެވެ. ސާންތީގެ އެންމެ ހާއްސަ މަސައްކަތަކީ އޭނާ އިސްވެ ހުރެގެން ފެށި 15 އަހަރުން ދަށުގެ އެކެޑެމީ ލީގާއި ހަމަ އެ މުބާރާތުގެ 13 އަހަރުން ދަށުގެ ލީގް ފެށުމެވެ.
އީގަލްސްގައި ފަސް އަހަރު ވަންދެން މަސައްކަތް ކުރި ސާންތީ ވަނީ އީގަލްސްގެ ދޮރުން ފުރަތަމަ ޑިވިޝަނަށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ނެރެ ދީފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަންކަން ސާންތީގެ ކޯޗުގެ ކަމުގެ ދަށުން އީގަލްސްއިން ހޯދި އެވެ.