ހަބަރު

ޝާހިދު ޗައިނާގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސްއާ ޝާހިދު ވަނީ ދެގައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އެގޮތުން މިނިސްޓަރުގެ ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝާހިދު ވަނީ އަރުވާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެއަކީ މުހިއްމު ގައުމެއްކަން ފާހަގަ ކުރައްވާ، ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.