ހަބަރު

ރައުދާ، ޔާމީން އަދި އަނަސްގެ މަރުގެ ތަހުގީގު ނިމިއްޖެ

ދެހާސް ސަތާރަ ވަަނަ އަހަރުގެ ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އާއި މަޝްހޫރު މޮޑަލް ރައުދާ އާތިފް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގު ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގު ކޮމިޝަން އިން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދާތީ ހާމަ ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އަންނަ މަހު ކުރީކޮޅު ޝަރީއަތްތައް ނިމޭނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނިމުނުހާ އަވަހަކަށް އެ މައްސަލައިގެ ރިޕޯޓު ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަނަސްގެ މަރުގެ މައްސަލާގައި މަރު ކޮމިޝަން އިން ހެދި ރިޕޯޓު ވެސް މުޅިން ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގައި އިތުރު ދެ ފަރާތަކާ ކޮށްލަން ޖެހޭ ބައެއް ސުވާލުތައް އެބަހުރި ކަމަށާއި އެ މަސައްކަތަށް ފަހު އަނަސް މަރުގެ ހަގީގަތްތައް ވެސް ހާމަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އޭގެ އިތުރުން ރައުދާގެ މަރުގެ މައްސަލަ ވެސް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެ މައްސަލަތަކުގެ އިތުރުން ވެސް ހަތަރު މަރެއްގެ ތަހުގީގު ވަނީ ނިމިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މަރު ކޮމިޝަން އިން ބަލާ މައްސަލަތައް

  • ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ
  • އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ
  • 2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއް
  • ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލްގެ މަރުގެ މައްސަލަ
  • ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާލި މައްސަލަ
  • ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ
  • ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވަނިކޮށް ކުއްލިއަކަށް މަރުވި މައްސަލަ
  • ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި މައްސަލަ
  • ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ
  • ރައުދާ އާތިފްގެ މަރުގެ މައްސަލަ
  • ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ
  • ފުވައްމުލައް ސިޓީ އޮޅުތެރޭގޭ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ
  • ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ
  • ރ. އުނގޫފާރު ގުލްފާމްގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ
  • ސ. ފޭދޫ ޗަބޭލީގޭ އާމީން ރަޝީދު މަރާލި މައްސަލަ
  • ހ. އޮގަސްޓާ އަހުމަދު ނަޒީފް ޝައުކަތު އަޑު ޕާކް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މައްސަލަ
  • މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ
  • މާލެ، ހާބަރު ޅިޔަނު ކެފޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ
  • ލ. މުންޑޫ ނޫރުވިލް އަލީ ޒިޔަދަމްއަށް ހަމަލާދީ މަރާލި މައްސަލަ
  • 2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ ދެ މައްސަލައެއް
  • ހ. ހަންޑްރެޑް ފްލާވާ އަހުމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ
  • ފުވައްމުލައް ސިޓީ ދޫނޑިގަމް އަވަށު، ނާޝިދު މޫސާގެ މަރުގެ މައްސަލަ
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހުމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ
  • 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ

އަނަސް މަރާލާފައި ވަނީ އޭނާ މާލެ އައިސް އުޅެނިކޮށް ސައިކަލު ވިއްކާ ފިހާރައެއްގެ ތެރޭގައި އޭނާގެ ގަޔަށް ބަޔަކު އައިސް ވަޅި ޖަހައިގެނެވެ. ޔާމީން ރަޝީދު ގައިގެ 24 ތަނަކަށް ވަޅި ޖަހާ މަރާލީ ވެސް އެ ދުވަސްކޮޅުގަ އެވެ. ރައުދާ މަރުވެފައި ވަނީ ބަންގްލަދޭޝްގައި އޭނާ ކިޔަވަން ގޮސް ހުރި އިމާރާތުގަ އެވެ.