މަޝްހޫރު ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ކުނާލް ކޯލީ އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ޕިރް ސޭ" ރިލީޒްކުރުން ލަސްކުރި ފަހުން ރަނގަޅު ތާރީހެއް އަދިވެސް ލިބިފައިނުވާތީ ސިނަމާތަކާއި ހަމައަށް މިފިލްމު އަންނާނެ ދުވަހެއް އަދި ކަނޑަނާޅާ ކަމަށް ކުނާލް ބުނެފި އެވެ.
ކުނާލް އާއިއެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ "ދިލް މިލްގައޭ" ފަދަ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ޖެނިފާ ވިންގެޓް އެވެ. މިއީ ޖެނިފާގެވެސް ފުރަތަމަ ބޮލީވުޑް ފިލްމެވެ.
“ހަމް ތުމް"، "މުޖް ސެ ދޯސްތީ ކަރޯގީ" އާއި "ފަނާ" އަދި "ތޯޑާ ޕިޔާރް ތޯޑާ މެޖިކް" ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ކުނާލް ވަނީ މިފިލްމު ސިނަމާތަކުގައި އަޅުވާނެ ދުވަހެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ރަނގަޅު ދުވަހެއް ކަނޑައެޅޭނެ ކަމަށެވެ. އަދި ދުވަސް ހަމަޖެހުނުހާ އަވަހަކަށް މިފިލްމުގެ ލަވަތައް ވެސް އާންމުކުރާނެ ކަމަށް ކުނާލް ވަނީ ބުނެފަ އެވެ.
ކުރިއަށް ބޮލީވުޑްގައި ރިލީޒްކުރުމަށް ބޮޑެތި ފިލްމުތަކެއް ހުރިއިރު، މިފިލްމުތަކުގެ ތެރޭގައި "ބްރަދާސް"، "ޕްރޭމް ރަތަން ދަން ޕާޔޯ"، "ޝާންދާރް"، "ފެންޓަމް"، "ޖައްގާ ޖާސޫސް" އާއި "ދިލްވާލޭ" އަދި "ބާޖީރާއޯ މަސްތާނީ" ފަދަ ފިލްމުތަކަކީ ބޮޑެތި ބެނާސްތަކުގެ ދަށުން އުފައްދާފައިވާ، މަޝްހޫރުތަރިންތަކެއް ލީޑްރޯލުން ފެނިގެންދާނެ ފިލްމުތަކެކެވެ.
"ޕިރް ސޭ" ޑައިރެކްޓްކޮށްފައިވަނީ މުޅިން އަލަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފުވާ އަޖޭ ބުޔާން އާއި ކުނާލް ކޯލީ އެވެ.
ލަންޑަންގައި ޝޫޓްކޮށްފައިވާ މިފިލްމަކީ މަޖާ ކަންތައްތަކެއް ފެނިގެންދާ ލޯބީގެ ފިލްމެކެވެ. މިފިލްމުގައި ދައްކުވައިދެނީ ނާކާމިޔާބުވެފައިވާ ފުރަތަމަ ކައިވެންޏަށް ދެވަނަ ފުރުސަތެއް ދީ، ހަޔާތުގައި ދިމާވެފައިވާ ހިތިރަޖުރިބާތަކަށްފަހު އަލުން ރަނގަޅު ދިރިއުޅުމެއް ފަށަން ކުރާ މަސައްކަތެވެ.
އެޕްރީލް މަހުގެ 7ވަނަ ދުވަހު މިފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު، ކުރިން އޮތީ މިފިލްމު މެއި މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް، ފިލްމު ރިލީޒްކުރުން ލަސްކޮށްފައިވަނީ ލިޔުންތެރިޔާ ޖޯތީ ކަޕޫރު މިފިލްމުގެ ޑައިރެކްޓަރު އަޖޭ އާއި ދެކޮޅަށް ކޮޕީރައިޓްސްގެ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ކަމަށްވެ އެވެ.
"ޕިރް ސޭ"ގެ ޓްރެއިލާ: