ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމަނައިގެން އެފްއޭއެމްގެ ނެޝަނަލް ޓީމު ކޮމިޓީ އެކުލަވާލައިފި އެވެ.
މަހްލޫފް އާއި އަލީ ވަނީ ކުރިން ގައުމީ ޓިމުގެ މެނޭޖަރުކަން ކުރައްވާފަ އެވެ. ނިއު ރޭޑިއަންޓްގެ ޗެއާމަންކަން ކުރިން ކުރެއްވި އަލީ އަކީ ކުޅިވަރާ ގާތް ބޭފުޅެކެވެ. މެއި 2015 ގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިރު އަލީ ވަނީ އިނގިރޭސި އެފްއޭގެ ކޯޗިން ބީ ލައިސެންސް ހައްދަވާފަ އެވެ. އަދި އިނގިރޭސި ނޮން ލީގްގައި މަސައްކަތް ކުރެއްވި އެވެ.
ކުރިން ކުލަބު ވެލެންސިއާއަށް ކޮންމެވެސް ވަރަކަށް ކުޅުއްވި މަހްލޫފް ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ގައުމީ ޓީމުގެ މެނޭޖަރުކަން ކުރައްވާފަ އެވެ.
ނެޝަނަލް ޓީމު ކޮމިޓީގެ ޗެއާމަނަކަށް ކުރިން ހުންނެވީ އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ. ކުރިން އޮތް ކޮމިޓީގައި ޓެކްނިކަލް ޑައިރެކްޓަރު އިހްސާން އަބްދުލް ގަނީ (ސާންތީ) ވެސް ހިމެނެ އެވެ. ޢެހެންނަމަވެސް އޭނާ ވަނީ މަގަމުން މިހާރު އިސްތިއުފާ ދީފަ އެވެ.
އަލަށް އެކުލަވާލި ކޮމިޓީގައި ޓެކްނިކަލް އެއްވެސް ބޭފުޅެއް މިހާރު ނެތެވެ. ކޮމިޓީގައި ދެން ހިމެނި ވަޑައިންގަންނަވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު އެވެ.