ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ވަކި ކުރުމުގައި އެއްވެސް ދައުރެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބިޝާމް މަގާމުން ވަކި ނުކުރާތީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ބިޝާމްގެ ޕީޖީ ކަމުގައި ރައީސް ސޯލިހާއި އެހެން ވެސް އޭރުގެ އިދިކޮޅު ގިނަ ފަރާތްތަކަކަށް ދައުވާ އުފުލި އެވެ. އެކަމާ ގުޅިގެން އޭރުގެ އިދިކޮޅުގެ ބޮޑު ފާޑުކިޔުމެއް ބިޝާމަށް އޮތެވެ. އޭނާ ވަކިކުރާނެ ކަމަށް ކެމްޕެއިންގައި ގޮވާލަމުން ވެސް ދިޔަ އެވެ.
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. ނަމަވެސް ސުޕަ މެޖޯރިޓީ ލިބުމުން ވެސް ޕީޖީ ބިޝާމް ވަކިކޮށްފައެއް ނުވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. މިހާރު ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ވަނީ ހުށަހަޅާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު އަމާޒު ކުރުމުން މިއަދު ރައީސް ސޯލިހު ވިދާޅުވީ ޕީޖީ ވަކި ކުރުމާ ގުޅޭ ގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ޕީޖީ ވަކި ކުރެވޭނީ އެގޮތަށް ކޮމެޓީއަށް ފެނި އެ މައްސަލަ ތަޅުމަށް ގެންގޮސް ފާސްވެއްޖެ ކަމަށްވާނަމަ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
"ޕީޖީ އައްޔަން ކުރުމުގައި އަޅުގަނޑުގެ ދައުރެއް އޮންނަނީ، ވަކި ކުރުމުގައި އަޅުގަނޑުގެ ދައުރެއް ނޯވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިފަހުން ވެސް ޕީޖީ ބިޝާމްއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން ރިލްވާން މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ޕީޖީގެ އަމަލުތައް ބަހައްޓަނީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވެސް ފާޑުވިދާޅުވި އެވެ.