ހަބަރު

ބިދޭސީންގެ މައްސަލާގައި އެއް އަހަރުން ނަތީޖާ ފެންނާނެ: ރައީސް

ބިދޭސީންގެ މައްސަލައަކީ ހައްލު ކުރަން އުނދަގޫ މައްސަލައެއް ކަމަށާއި ނަމަވެސް އެއް އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ރައީސް ސޯލިހު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކީ އުނދަގޫ މަސައްކަތްތަކެއް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން އެއް އަހަރަށް ބަންގްލަދޭޝްއިން ލޭބަރުން ގެނައުން މަނާކޮށްފަ އެވެ. އަދި، މިހާރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެއް އަހަރު ދުވަހަށްފަހު އަލުން ހުއްދަ ހުޅުވާލާއިރު ބިދޭސީން ގެނައުމުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޯޓާއަށް އެދި މީހުން ގެންނައިރު އެމީހުން ގެނެސް ބައިތިއްބާނެ ތަނެއް ދައްކަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން ވަގަށް އެތެރެވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގައި އިމިގްރޭޝަން ފަދަ ތަންތަން ވެސް ޝާމިލުވާ ގޮތަށް ނެޓްވޯކެއް އޮންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހު ވަނީ "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފައްދަވާފަ އެވެ.

އެ ޓާސްކްފޯހުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ލީޑް ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޔޫސުފް ވަނީ އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމިއިރު ރާއްޖޭގައި ގަވައިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީންގެ ގެނެސް ވިޔަފާރި ކުރުމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަނުން ވަނީ ޑީޕޯޓްކޮށްލާފަ އެވެ. ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގުނުކޮށް ޑީޕޯޓްކޮށްލުމުން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިއްޔެ މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި އެ ދެ މީހުން ޑީޕޯޓްކޮށްލީ މިނިސްޓްރީގެ ލަފާ ނުހޯދަ އެވެ. މިއަދު ރައީސް ސޯލިހު ވެސް ވަނީ އެކަމުގައި އެމަނިކުފާނުގެ ލަފާ ވެސް ނުހޯއްދަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަން ކޮށްފައިވަނީ ގަވައިދުތަކާ އެއްގޮތަށްތޯ އިކޮނޮމިކް މިނިސްޓްރީން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.