ދިރާގު

ފުވައްމުލަކުގައި އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދެނީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކުގައި "ގާލްސް ޓު ކޯޑް" ނަމުގައި ޓްރެއިނިން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ދިރާގުން ބުނީ، އަންނަ އާދިއްތަ ދުވަހު ފަށާ މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ފުވައްމުލަކުގައި ފަށާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގާލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފުކުރުން ވަރަށް މުހިންމުކަމަށެވެ.

ދިރާގުން ބުނީ، 20 ކުދިންނަށް އަމާޒުކޮށްގެން ފައްޓާ މިޕްރޮގްރާމުގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭވޭނެ ކަމަށެވެ. އަދި ކްލާސްރޫމުގައި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެ ކަމަށާއި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ އެ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް ދިރާގުން ބުންޏެވެ.

ފުވައްމުލަކުގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ހަމަޖެހިފަ އެވެ.