ހަބަރު

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ރައީސް ފައްޓައްވައި ދެއްވައިފި

ރާއްޖޭގެ ސަގާފީ ތަރިކައެއް ކަމަށްވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓައްވައިދެއްވައިފި އެވެ.

ކަޅުވަކަރު މިސްކިތް ކުރިން ހުރި ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ ބޭނުމުގައި ކުރީގެ ސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް ރޫޅާލާފަ އެވެ. އެ މިސްކިތް އަލުން ރޭވުމަށް ނިންމާފައިވަނީ ރައިސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ދަށުން ހެރިޓޭޖް މިނިސްޓްރީންނެވެ.

އެގޮތުން، ހެރިޓޭޖް މިނިސްޓްރީން ވަނީ ރޫޅާލާފައިވާ މިސްކިތުގެ ބައިތައް ހޯދައި، ހަލާކުވެފައި ހުރި ބައިތައް މަރާމަތުކޮށްފަ އެވެ. އަދި މިހާރު ކަޅުވަކަރު މިސްކިތް ބަހައްޓަން ހަމަޖެހިފައިވަނީ ކުރިން ދިރާގު ހުރި ބިމުގައި ނަމާދުކުރާ ގެއެއްގެ ގޮތުގަ އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ސަގާފަތާއި ތަރިކަތަށް ހިމާޔަތްކޮށް ބަލަހައްޓާނެ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމުގެ ގޮތުން އިސްކަން ދިނީ ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރޭވުމަށް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ދިވެހި ސަގާފަތް ދައްކުވައިދޭ ތަރިކަތަށް ހިމާޔަތް ކޮށްގެން ކަމަށެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަޅުވަކަރު މިސްކިތް ރޭވުމުގެ ރަސްމިއްޔާތުގައި މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ވެސް ޔާމީންގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ރޫޅާލައި މާލެއިން ބޭރުކުރަން އުޅުމުން ކަމަށެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު ތަރިކައަށްވުމުން ކަޅުވަކަރު މިސްކިތް ހިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހިންގެ ހުނަރުވެރިކަން އެންމެ ރަނގަޅަށް ފެނިގެންދާ ބިނާއަކީ ކަޅުވަކަރު މިސްކިތް ކަމަށެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ހެރިޓޭޖް މިނިސްޓްރީން ދަނީ އަންނަ ނޮވެމްބަރު މަހަށް މިސްކިތް ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިމޭއިރު މިސްކިތުގެ ވަށައިގެންވާ ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ. މި ޕާކު ތަރައްގީކުރާނީ ގައުމީ ދާރުލްއާސާރުގެ އައްޓްޑޯ އެގްޒިބިޝަން އޭރިއާ ހިމެނޭ ގޮތަށެވެ. އައުޓްޑޯ އެގްޒެބިޝަންގެ އެންމެ މުހިންމު ތަރިކައަށް ވާނީ ކަޅުވަކަރު މިސްކިތް ކަމަަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

މިއަދު ހަވީރު ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ ބައިވެރިވެފަ އެވެ.