ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު ކްރޮސްރޯޑް ރަސްމީކޮށް ހުޅުވައިފި

އެނބޫދޫ ފަޅުން: މުހައްމަދު އަފްރާހު
Sep 19, 2019
6

ރާއްޖޭގެ ތާރީހުގައި ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ކްރޮސްރޯޑް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު ހުޅުވާފައިވަނީ "މިއުޒިކީ ފުށީގައި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ.

މި މަޝްރޫއުގެ ދަށުން ހެދި ތަންތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއު ހިންގާ ސިންހަ އެސްޓޭޓުގެ ޗެއާމަން ޗުތިނަންތު ބިރޮމްބަކްދީ އާއި މި މަޝްރޫއު ހިންގާ ސިންހަ ކުންފުނީގެ ސަބްސިޑެރީ ކުންފުނި، އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑާކް އެންޑްރޭ އެލް ޑީ ކުލްޔަގެ އިތުރުން ކްރޮސްރޯޑްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ތިޓީ ތޮންބެޖާމަސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ މި މަޝްރޫއުން އެނގިގެން ދަނީ ދެމެހެއްޓެނި ގޮތަށް ބޮޑެތި މަޝްރޫއުތައް ހިންގިދާނެ ކަން ކަމަށެވެ. ނައިބް ރައީސް ވަނީ މި މަޝްރޫއު ހިންގި ކުންފުނިން ތިމާވެށި ހިމާޔަތް ކުރުމާއި ދިރުންތައް ރައްކާތެރިކުރަން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނަރިސް ޗޭކްލިން ވިދާޅުވީ އެ ކުންފުނިން ކުރިއަށްދާނީ ދިވެހި ރައްޔިތުންނާ ގުޅިގެން ރާއްޖޭގެ ބައިވެރިވުމާއެކުގައި ކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި "އިންޓަގްރޭޑެޑް ޓޫރިޒަމް"ގެ ހަމައެކަނި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެނބޫދޫ ފަޅުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ވިޔަފާރި ކުރުމުގެ ވަސީލަތްތައް ވަނީ ހުޅުވާފަ އެވެ. މިހާރު މިތަނުގައި ހުޅުވާފައިވާ މަޝްރޫއު ތަންތަނުގެ ތެރޭގައި "ހާޑްރޮކް ކެފޭ" އާއި "ކެފޭޑެލްމާ" އަދި "މިނިސްޓްރީ އޮފް ކްރެބް" އަދި "ކަބާކް ކަރީ" އާއި "ޗާޓައިމް" ފަދަ ތަންތަން ހިމެނެ އެވެ. މީގެ އިތުރުން މިތަން ހަދާފައިވަނީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ރާއްޖޭގެ މައުލޫމާތު ބޭރު މީހުންނަށް އެންމެ ރަނގަޅަށް އެނގޭނެ މިއުޒިމް ވެސް ހިމަނައިގެންނެވެ. މިތަނުގައި ރާއްޖެއަށް ޒިޔާރަތް ކުރި މީހުންނާއި ރާއްޖޭގެ ބަހާއި ރާއްޖޭގެ ތާރީހު އެންގެން ހުރެ އެވެ.

މި ރަސްމިއްޔާތުގެ މައުލޫމާތު ދެއްވަމުން ކްރޮސްރޯޑްސްގެ ސީއޯއޯ ތިޓީ ތޮންބެޖަމަސް ވިދާޅުވީ މާދަމާއިން ފެށިގެން މި ރިސޯޓަށް ދިވެހިންދާން ހުޅުވާލާނެ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި މާފުށިން މިތަނަށް ކޮންމެ ދުވަހަކު ދެ ފަހަރު ފެރީ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ ވީހާ ވެސް ގިނަ ދިވެހިން ގޮސް މިތަނުގެ ހިދުމަތް ހޯދާނެ ކަމަށް. އުންމީދު ކުރަނީ ދުވާލަކު 2،000 މީހުން ވަރުދާނެ ކަމަށް. ހަފުތާ ބަންދުގައި 3،000 މީހުން ވަރު ދާނެކަމަށް،" ތިޓީ ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ ކްރޮސްރޯޑް މޯލްޑިވްސްގެ ނަމުގައި މޮބައިލް އެޕްލިކޭޝަނެއް ލޯންޗް ކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އަގުތަކާއި އެހެނިހެން މައުލޫމާތު ލިބެ އެވެ. މާދަމާ އިން ފެށިގެން ހުޅުވާލާއިރު އެނބޫދޫ ފަޅަށް ދާ ފެރީއަށް ޓިކެޓު ވިއްކަނީ މީހަކަށް 80ރ. އަށެވެ.

ފަޅު ހިއްކައިގެން ހިންގާ މި މަޝްރޫއުގެ ދަށުން، ޖުމްލަ ނުވަ ރަށް ހިމެނެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ. އަދި 2021 ވަނަ އަހަރު މުޅި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.