ވިޔަފާރި

ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ޓޫރިޒަމް ކޮންފަރެންސް ފަށައިފި

އެނބޫފޫ ފަޅުން: މުހައްމަދު އަފްރާހު
Oct 3, 2019

ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތަކާއެކު މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް ފަށައިފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް- އެނބޫދޫ ފަޅުގައި ކުރިއަށް ދާ "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެސް 2019" އަކީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުން އިންތިޒާމު ކުރާ އެންމެ ބޮޑު އިވެންޓެވެ.

މި ކޮންފަރެންސް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދަން ބޭނުންވަނީ މި ދާއިރާގެ ހުރިހާ ފަރާތް ތަކެއް ވެސް ގުޅިގެން ކަމަށާ، ރާއްޖޭގެ ޓޫރިޒަމް ހަރުދަނާކޮށް، ފަހި ތަނަކަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތައް ބަލަން ޓޫރިޒަމް ސިނާއަތުގެ ހުރިހާ ވަސީލަތްތަކެއްގެ އިންސްޕެކްޝަން ނިމިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތު ކުރިއަށް ގޮސްފައިވަނީ އިންޑަސްޓްރީގެ އެންމެ އިސް ފަރާތްކާއެކު ވޭތުވެދިޔަ 47 އަހަރު ކުރި މަސައްކަތުން ކަމަށެވެ.

"އާ ސަރުކާރު އައި ފަހުން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވެސް ދަތުރުކޮށްފިން، މި ދަތުރުތަކުގައި ބައެއް މީހުން ބުނޭ ކީއްހޭ ޓޫރިޒަމުން ކުރަނީ؟ އެއާޕޯޓެއް ނެތޭ، މިވެނި ރަށެއްގައި މިވެނި އެއްޗެއް ނެތޭ! ކީއްކުރާ ބައެއްހޭ ތިއީ. މުއްސަނދި ވުމަކީ ކުށަކަށްވާ ވަރަށް ބައެއް މީހުންގެ ވިސްނުން ހުރީ. ނަމަވެސް ހުރިހާ ކަމެއް މިވަނީ އިންޑަސްޓްރީ ސަލާމަތުން އޮތީމަ،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް މި ފަހަރު އީދެއްގެ ގޮތުގައި ފާހަގަ ކުރަމުންދާ ކަމަށާ، މިހާތަނަށް ކުޑަކުދިންނަށް ކިޑްސް ފުޓްބޯލް ފިއެސްޓާ އަކާއި ކެނޯރޭހެއްގެ އިތުރުން ދުނިޔޭގެ ރެކޯޑެއް މުގުރާލުމުގެ އިވެންޓެއް ވެސް ބާއްވާފައިވާނެ ކަމަށެވެ.

"އުފަލާއެކު ފާހަގަ ކޮށްލަން، ބަރޮސް ފަޅުތެރޭގައި ކުރިއަށް ގެންދިޔަ ވޯލްޑް ރެކޯޑު އިވެންޓަށް ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ސިންގަޕޫރާއި ޗައިނާ އިން ފަތުރުވެރިން އައިކަން،" އަލީ ވިދާޅުވި އެވެ.

ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރު ވެގެންދާއިރު، ޓޫރިޒަމްގެ ކުރިއެރުން މިހުރީ ހަލުވިކަމާއެކުގައި ކަމަށާ، ހަމިއާއެކު ޓޫރިޒަމް ދާއިރާ އަށް ބޭނުންވާ މީހުން ބިނާ ކުރުމުގެ މަސައްކަތް ތަކެއް އެ ޖަމިއްޔާ އިން ވެސް ކުރަމުންދާ ކަމަށެވެ.

"އުފަލާއެކު ދަންނަވާލަން އަތްތެރި މަސައްކަތްތަކުގެ ކޯހެއް ވެސް ވަނީ މަޓީގެ އިސް ނެގުމާއެކު ފެށިފައި. މިއީ ވެސް ވަޒީފާ ތަކެއް އުފެދިގެންދާނެ ކަމެއް. މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަނަލް އޮފް އެޗްއާރު ޕްރޮފެޝަނަލްއާ ގުޅިގެން ވެސް މިދަނީ ޕްރޮގްރާމު ތަކެއް ހިންގަމުން،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ރިސޯޓުތަކުގެ ވެރިންނާއި ޓޫރިޒަމް ސިނާއަތުގެ ޖަމިއްޔާތައް އަދި އެންމެ ފަރާތްތައް ބައިވެރިވާ މި ކޮންފަރެންސުގައި މި ދާއިރާއާ ގުޅުންހުރި ގިނަ މައްސަލަތަކާ މެދު ބަހުސްކޮށް ވާހަކަ ދައްކާނެ އެވެ. މީގެެތޭގައި ޓޫރިޒަމް ސިނާއަތުގެ ސަލާމަތްތެރިކަމާ ބެހޭ ގޮތުން ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންތަކާއި ތިމާވެށީގެ މައްސަލަތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް އަދި ޓޫރިޒަމް ސިނާއަތުން ދިވެހި ފަންނުވެރިންނަށް ފުރުސަތު ތަނަ ވަސް ކޮށް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ޕެނަލް ޑިސްކަޝަންތައް ވެސް ހިމެނެ އެވެ.