ހަބަރު

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ޗައިނާއަށް

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއްގެ މަސައްކަތްތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއިން ޗައިނާއާއެކު މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއިއެކު އެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ސީއެމްއީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މރ. ލިއު ޝިއައޯޑާ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން ހަތަރު މަސްދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހާ ދިރާސާތައްކޮށް ސީއެމްއީސީ އިން ލިޔެކިޔުންތައް ސަރުކާރަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ސީއެމްއީސީ ވަނީ މީގެ ކުރިން ވަނީ ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި 1500 ހައުސިން ޔުނިޓް އަޅައިފަ އެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ވަނީ 704 ހައުސިން ޔުނިޓް އަޅައިފަ އެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅާއިރު މީގެ ކުރިން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ގަލޮޅު ދަނޑު ތަޅާލައި ހުޅުމާލޭގައި އާ ސްޓޭޑިއަމެއް އަޅަން ފައިސާ ހޯއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.