ހަބަރު

ރޯވީ ހަތަރު ކެމިކަލް ގުދަނެއްގައި

މިރޭ އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ހަތަރު ގުދަނެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، ފުރަތަމަ އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައި ކަމަށެވެ. އަދި އެއަށްފަހު އެ އަލިފާންގަނޑުގެ އަސަރު އިތުރު ތިން ކެމިކަލް ގުދަނަކަށް ކޮށްފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ފުރަތަމަ ރޯވި ކެމިކަލް ގުދަނުގައި އަލިފާން ރޯވި ވަގުތު ބާރުގަދަ އަޑެއް ކިޔައި، ކުރިމަތީގައި ހުރި ފެހިއާބާދުގޭގެ ދޮރުގައި އަލިފާން ރޯވި ކަމަށެވެ. ދޮރުގައި އަލިފާން ރޯވުމުގެ ސަބަބުން އެގޭގައި ތިބި މީހުނަށް ބޭރަށް ނުނުކުމެވި ތާށިވި ކަމަށް އަބްދުﷲ އިބްރާހީމް ވިދާޅުވި އެވެ.

އަލިފޯން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުމުން، ސިފައިން އެސަރަހައްދަށް ދިޔައިރި، ގޯޅީގައި ސައިކަލް ފާކު ކޮށްފައި ހުރުމުން، ފަޔާ ޓްރަކަށް ނުވެދި ވަނީ ލަސްތަކެއްވި ކަމަށެވެ. ސިފައިން އެސަރައްދަށް ދިޔަ އިރު ރޯވެފައިވާ ގެތަކުގެ އިތުރު އެހެން އެއްވެސް ގެއެއްގައި ރޯވެފައި ނުވާ ކަމަށާއި، މިރޭ އަލިފާންގަނޑު ނިއްވާލާފަ ނޫނީ އެސަރަހައްދުން ނުދާނެ ކަމަށް އަލިފާނުގެ ހާދިސާގެ މައުލޫމާތު ދެމުން އަބްދުﷲ އިބްރާހީމް ވިދާޅުވި އެވެ.

އަބްދުﷲ އިބްރާހީމް ވިދާޅުވީ، އަލިފާން ރޯވި އިމާރާތުގައި ހުރި މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުމުން، ސިފައިން ހަ ފަހަރު މަތިން އެގެއަށް ވަދެ ތަފްސީލުކޮށް ބަލާފައިވާނެ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އެންމެ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުން ދިޔަ އައިޝަތު ޝައުނާ ވަނީ މަރުވެފައި ވަނިކޮށް ރޯވި އިމާރާތުން ފެނިފަ އެވެ. ޝައުނާ ފެނުނު އިރު ސިފަ ވަކިކުރަން ނޭނގޭ ވަރަށް ފިހިފައިވާ ކަމަށް އަބްދުﷲ އިބްރާހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިތުރު މީހަކު ގެއްލިފައި ނުވާ ކަމުގެ ޔަގީންކަން މިހާރު ސިފައިންނަށް ލިބިފައިވާ ކަމަށެވެ.

އަލިފާން ނިއްވުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް ފުލުހުންނާއި އެއާޕޯޓް ކުންފުނިން ވެދި އެހީ އަބްދުﷲ އިބްރާހީމް ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މާލޭގައި ހުންނަ ކެމިކަލް ގުދަންތަށް ސިފައިން ދޭތެރެއިން ޗެކް ކުރާ ކަމަށާއި، އަދި މީހުން ދިރި ނޫޅޭ ހިސާބަކަށް ކެމިކަލް ގުދަންތަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.