ކެމިކަލް ގުދަނުގައި ރޯވުން

ސިފައިންގެ މަސައްކަތަށް ތައުރީފު ހައްގު: ޗީފް

ހެންވޭރު އަބަދަށްފަހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އިމާރާތްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން ސިފައިން ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިދިޔަ ހުކުުރު ދުވަހު ހިނގައިދިޔަ އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން ސިފައިންގެ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތުގެ ތަފުސީލް ހިމަނައި އެމްއެންޑީއެފްގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޝަމާލް ވިދާޅުވީ ކެމިކަލް ގުދަނުގައި އަލިފާން ރޯވުމާއި ގުޅިގެން ސިފައިންގެ ފުރަތަމަ ވެހިކަލް ހާދިސާ ހިނގިތާ ހަ މިނެޓް ތެރޭ އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އޭގެ ތިން މިނެޓް ފަހުން އިތުުރު ވެހިކަލެއް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

ސިފައިންގެ ފަޔާ ފައިޓަރުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ޝަމާލް ވިދާޅުވީ އިމާރާތްތަކުގައި ތާށިވި މީހުން ސަލާމަތް ކުރަން ސިފައިން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ. އަދި އެއް އިމާރާތުގައި ވަރަށް ބޮޑަށް ހުޅުގަނޑު ހިފާފައި ވަނިކޮށް، އެ އިމާރާތުގައި ތާށިވެފައި ތިބި ދެމައިން ނެރެ ސަލާމަތް ކުރަން ކުރި މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.

"ސިފައިންގެ ފަޔާ ފައިޓަރުންގެ ހިތްވަރާ، ކަރޭޖު އަޅުގަނޑު ފާހަގަ ކުރަން." ޝަމާލު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަކީ 100 ޕަސެންޓް އެންމެ ޕާފެކްޓް މުއައްސަސާއަށް ނުވެދާނެ. އަޅުގަނޑުމެން ވެސް މިފަދަ މާހައުލެއްގައި މަސައްކަތް ކުރާއިރު ހުންނާނެ ރަނގަޅު ކޮށްލަންޖެހޭ ކަންކަންވެސް. އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ސިފައިނާ އަދި އާންމު ރައްޔިތުންނަށްވެސް އަރުވަން،
އަބްދުﷲ ޝަމާލް | ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް

ޝަމާލް ވިދާޅުވީ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް، ގެއްލުން ކުޑަ ކުރަން ސިފައިންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ 100 ޕަސެންޓް އެންމެ ޕާފެކްޓް މުއައްސަސާއަށް ނުވެދާނެ. އަޅުގަނޑުމެންވެސް މިފަދަ މާހައުލެއްގައި މަސައްކަތްކުރާއިރު ހުންނާނެ ރަނގަޅު ކޮށްލަންޖެހޭ ކަންކަންވެސް. އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ސިފައިނަށާއި އަދި އާންމު ރައްޔިތުންނަށް ވެސް އަރުވަން." ޝަމާލް ވިދާޅުވިއެވެ.

ބޮޑު އެ އަލިފާނުގެ ހާދިސާ ހިނގުމާއެކު ޝަމާލު އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އަދި ސިފައިންގެ އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ވަރަށް ގިނަ އިރު އެ ސަރަހައްދުގައިހުންނެވިއެވެ. އަލިފާނުގެ އެ ހާދިސާގައި ހަތަރު ހަތަރު ގުދަނާ، ހަތް ގެއެއް ވަނީ އަނދާފަ އެވެ. އަދި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. މީގެ އިތުރުން 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ.