ރިޕޯޓް

އެހީގެ އަތްތައް އަލިފާނަށް ނުސިހުނު!

Sep 21, 2019
11

މާލޭގެ ސޯސަން މަގަށް ދިޔައިރު މުޅި އެސަރަހައްދު އޮތީ މީހުންނުން ފުރިފަ އެވެ. ސަލާމަތީ ބާރުތަކުން ވަނީ ސޯސަން މަގުގައި އިންނަ ސިޓީ ބޭކަރީއާ ހަމައިން ފެށިގެން އޭޑީކޭއާ ވީ ކޮޅަށް ނުދެވޭ ގޮތަށް މަގު ބަންދުކޮށްފަ އެވެ. ނަމަވެސް އެކަމަށް ބެލުމެއްނެތި އާންމުން ދިޔައީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. އާންމުންގެ ސަފުތައް އޭޑީކޭ ދޮރު މައްޗާ ހަމައަށް އޮތީ ފުރާލާފަ އެވެ.

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ މިރޭ މިވަނީ ހިނގާފަ އެވެ. ގާތްގަނޑަކަށް ރޭ ހަތެއް ޖަހާ އެހާއްކަންހާއިރު ހިނގި އަލިފާނުގެ އެބޮޑު ހާދިސާއާއެކު އާންމުން ޖަމާވީ އެސަރަހައްދަށެވެ. ދިފާއީ ބާރުތަކުން އެސަރަހައްދަށް އެއް ނުވާން ބުނެފައިވަނިކޮށް ބީރު ކަންފަތެއްދީ އެތަނަށް ގިނަ އާންމުން އެއްވި އެވެ. އަދި ފޯނުން ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށްލައި އެތަނުގައި އެމީހަކު ހުރިކަން އަންގާލި އެވެ.

އެތަނަށް އެއްވި އާންމުން ނެގި ފޮޓޯތަކުން ފެންނަން ފެށީ އެއް މަންޒަރެކެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުންއިރު ފޮޓޯ ނެގުމުގައި އަަވަދިނެތި ބައެއް މީހުން އުޅެމުންދިޔަ މަންޒަރެވެ. ސޯޝަލް މީޑިއާގައި އެފޮޓޯތައް އާންމުވެ ފާޑުކިޔުން އަމާޒުވެސްވި އެވެ. ނަމަވެސް ރޭ އެތަނުން ފެނިގެންދިޔައީ ހަމައެކަނި އެމަންޒަރެއް ނޫނެވެ. އެސަރަހައްދާ ދާދި ކައިރިއަށް ޖެހިލުމުން ފެނުނީ އޭގެ އަނެއް ފަރާތެވެ. އެހެން މަންޒަރެކެވެ.

އެމްއެންޑީއެފާއި ފުލުހުން ދޔައީ އަވަދި ނެތި އަލިފާން ނިއްވުމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ ދެ މުއައްސަސާއަށް އެކަނި އެކަން އާންމުން ދޫކޮށެއް ނުލި އެވެ. ފެން ޓްރަކްތަކުގެ ހޮޅިތައް އަލިފާން ނިއްވުމަށް އެންމެ އެތެރެއަށް ގެެންދިޔައިރު، އެހޮޅިތައް ވަށައިގެން އޭގައި ހިފަހައްޓައިގެން ގިނައިން ތިބީ އާންމުންނެވެ. އެންމެ އެތެރެއާ ހަމައަށްވެސް އާންމުން ތިއްބެވެ.

އަލިފާން ނިއްވުމަށް ހޮޅިތައް އެކި ސަރަހައްދުން ވައްދަމުންދިޔަ އެވެ. އެންމެ ފަސޭހައިން އަލިފާން ނިއްވޭނެހެން ހީވާ ގޭގެ ތެރެއިންނާއި ހަނިހަނި ގޯޅިތަކުންވެސް ފެން ހޮޅިތައް ވައްދަމުންދިޔަ އެވެ. މުގުލުގައި ބައެއް ފަހަރު ތިބެނީ ހުސް އާންމުންނެވެ. ބައެއް ހޮޅިތައް ހަމައެކަނި އާންމުންގެ މީހުން ވެސް ހިފައިގެން ވަދެގެންދިޔަ މަންޒަރު ވެސް މަދުން ނަމަވެސް ފެނިގެންދިޔަ އެވެ.

"ދެންމެ ހޮޅި ހިފައިގެން އެވަނީ ހުސްވެސް އާންމުންގެ މީހުން، ފުލުހުންނާއި އެމްއެންޑީއެފްގެ ބައެއް މީހުން އެތެރެއަށް ވަދެފަ ހޮޅިތަކުގައި ހިފާފައި، އާންމުން ބޭރަށް ފޮނުވާލަދޭ،" އެތަނުގައި ހަރަކާތްތެރިިވި އެމްއެންޑީއެފްގެ މީހަކު އެއް ފަހަރު ބުންޏެވެ.

އާންމުން އެހީތެރިވާން ތިބި މިންވަރު ފެނިގެންދިޔައީ އެންމެ ފަހަރަކު ނޫނެވެ. އަލިފާންގެ ހާދިސާ ހިނގައިގެން އުޅުންއިރު ރެސްކިއުޓީމްތަކުން ހަރަކާތްތެރިވީ ވަރަށްވެސް އަވަހަށެވެ. ނަމަވެސް އެތަނުގައިވެސް އާންމުންގެ ހިތްވަރު ދައްކާލަދިނީ ވަރަށްވެސް ފުރިހަމައަށެވެ.

ހާދިސާއާ ގުޅިގެން އޭޑީކޭއަށް މީހުން ގެންނަމުންދިޔައިރު ސަރަހައްދު ބްލޮކް ނުވާނޭހެން ޖާގަ ހެދުމަށް ގޮވާލައި ބައެއް އާންމުން ދިޔައީ ލީޑް ނަގަމުންނެވެ. އެއްވެސް ވަރަކަށް އެ ސަރަހައްދު ބްލޮކް ނުވާނޭހެން މުޅި ސަރަހައްދު ޖާގަ ހަދައި ކަމާ ނުބެހޭ މީހުން އެ ސަރަހައްދުން ދުރުގައި ތިބުމަށް ވެސް އާންމުންގެ ބައެއް މީހުންދިޔައީ ކެނޑިނޭޅި ގޮވަމުންނެވެ.

އެއީ ވެސް ފެނުނު މަންޒަރެކެވެ. ދެން ފެނުނު މަންޒަރުތައް މަދެއް ނޫނެވެ. އެމްއެންޑީއެފަށް އެންމެ އުނދަގޫވި އެއް ކަމަކީ ހަނި ގޯޅިއެއްގެ ތެރެއިން ވެހިކަލް ވައްދަންޖެހުމެވެ. އެތަނުގައި ޕާކް ކޮށްފައިވާ ސައިކަލްތައް ގިނަ ކަމުންނެވެ. އެކަމަށް އާންމުން ތިބީ އަތް އުރާލައިގެން ބަލާކަށް ނޫނެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ސަހަރައްދުގައި ހުރި ގިނަ ވެހިކަލްތައް ވަނީ ސިފައިންނާއި ފުލުހުންނާއެކު އާންމުން ނަގާ އެއް ފަރާތްކޮށްދީފަ އެވެ. ފެންހޮޅިތައް ގެންދަން ދަތި ނުވާނޭހެން ހުރިހާ ވެހިކަލްތައް ނެގުމުގައި ވެސް އާންމުން ދިޔައީ އަތާ އަތް ގުޅާލައިގެން އެހީވަމުންނެވެ.

މިފަދަ އެތައް މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. ފެން ބެހުމާއި މާސްކް ފަދަ ތަކެތި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކަށް އާންމުން އިސްނަގައިގެން ދިޔައީ ބަހަމުންނެވެ. ފެނިގެން ދިޔައީ ވަރަށް ބަދަހިކޮށެވެ. ނަމޫނާ މަންޒަރެކެވެ.

އާންމުންނަށް އެކަނި ތައުރީފް ކުރުމަކުން ނުނިމެ އެވެ. އެތަނުގައި ހަރަކާތްތެރިވި އެހެން މުއައްސަސާތަކަށް ތައުރީފް ހައްގެވެ. ހާއްސަކޮށް އޭޑީކޭގެ މުއައްޒަފުން ދެއްކީ ވަރަށްވެސް ފުރިހަމަ ނަމޫނާ އެކެވެ. ސްޓްރެޗާތަކުގައި އެމީހުންގެ މުއައްޒަފުން ތިބީ ވަރަށް ތައްޔާރަށެވެ. ހާދިސާގައި އަނިޔާވި އެންމެނަށް އެހީވާށެވެ. އެންމެ ކުރީގައި އެވެ. މާސްކު ބެހުމާއި އެފަދަ ހާލަތެއްގައި އެހީތެރިކަމުގެ އަތް ދިއްކޮށްލުމުގައި އޭޑީކޭ އޮތީ ހަމަ ރަނގަޅަށް ތައްޔާރަށެވެ.

ފުލުހުންނާއި ސިފައިން ކޮށްދިން މަސައްކަތަށް ޝުކުރު އަދާ ކުރުމަކުން ފުދޭކަށް ނެތެވެ. އެކޮށްދިން މަސައްކަތަށް ތައުރީފް ކުރުން ނޫން އެހެން އެއްވެސް ކަމެއް ކުރެވޭކަަށް ނެތެވެ. ރެސްކިއު ޓީމުން އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ކޮށްދިން ހިދުމަތަކީ ހަމަ ކޮންމެ ދިވެހި ދަރިއަކުވެސް ފަހުރުވެރިވާނެ ކަމެކެވެ.

މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި އާންމުން މިއަދު ދެއްކީ ވަރަށް ފުރިހަމަ ނަމޫނާ އެކެވެ. އެއްވެސް ވަރުބަލިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދީ ދައްކާލަދިނީ ވަރަށް ފަހުރުވެރި މަންޒަރެކެވެ. މިއަދު ދައްކާލަދިން ނާމޫނާއަށް އެފަރާތްތަކަށް ޝުކުރު ހައްގެވެ.