"އަލިފާންގަނޑާ ހެދި ނުނުކުމެވިގެން މި އުޅެނީ، ހެޔޮ ދުއާކޮށްދީ،" މިއީ އައިޝަތު ޝައުނާގެ އެންމެ ފަހު ފޯނު ކޯލްގައި އޭނާ ބުނި ވާހަކަ އެވެ.
މިރޭ އިރާކޮޅު ހެންވޭރުގައި ހުރި ކެމިނަލް ގުދަނެއްގައި ރޯވި އަލިފާންގަނޑާއެކު އެންމެ ބޮޑަށް ހުޅުހިފީ އެ ގުދަނާ ކުރިމައްޗަށްވާ ގޮތަށް ހުރި ރަނދުވާނިއާގޭގަ އެވެ. އެ ގޭގައި ދިރިއުޅޭ ހަ މީހަކު ތާށިވި އެވެ. އޭގެ ތެރެއިން ސަލާމަތްވީ ފަސް މީހެކެވެ.
އެ ގޭގެ ތެރެއިން ނުނުކުމެވިގެން މަރުވެ ދިޔައީ ތ. ބުރުނީއަށް އުފަން 49 އަހަރުގެ ޝައުނާ އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ޝައުނާ އޮތީ ނިދާފައި ކަމަށްވެ އެވެ. އޭނާގެ ފޯނަށް ހާދިސާ ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން ވެސް ގުޅިފައިވެ އެވެ.
މިރޭ 7:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ޝައުނާ ގޭގައި ތާށިވެގެން ހާސްވެގެން ދެ ފަހަރަކަށް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަކަށް ގުޅި އެވެ. ޝައުނާގެ އާއިލާގެ މެންބަރަކު މިރޭ އަވަސްއަށް ކިޔައިދިން ގޮތުގައި ޝައުނާ، އޭނާގެ ބޭބެއަށް ގުޅާފައި އެ ގެއިން ނުނުކުމެވިގެން އުޅޭ ވާހަކަ ބުންޏެވެ. އެއަށްފަހު އެދުނީ ހެޔޮ ދުއާކޮށްދިނުމަށެވެ.
އާއިލާގެ މެންބަރު ބުނި ގޮތުގައި ދެވަނަ ފޯނު ކޯލް އަދި ޝައުނާގެ އެންމެ ފަހުގެ ފޯނު ކޯލްގައި ހުއްޓާ އޭނާގެ ބަސް ހުއްޓުނެވެ. ބެލެވޭ ގޮތުގައި ނޭވާ ހާސްވެގެން ހޭނެތުނީ އެވެ. ޝައުނާގެ ފޯނު ކޯލް ލިބުނު އޭނާގެ ބޭބެ، އެ ސަރަހައްދަށް ގޮސް ގޭގެ ތެރެއަށް ވަނުމަށް ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ވެސް ބޮޑު ހުޅުގަނޑު އެތަނުގައި އޮތެވެ. އޭގެފަހުން އެއްގޮތަކަށް ވެސް ޝައުނާގެ ފޯނަކަށް ނުގުޅެ އެވެ.
ސިފައިން ވެސް ބުނި ގޮތުގައި ޝައުނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އާއިލާއިން ކުރަމުންދާތީ ތަކުރާރުކޮށް ސިފައިން އެތަނަށް އަރައި އޭނާ ހޯދި އެވެ. ރެސްކިއު ޓީމް ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް ޝައުނާގެ ހިލަމެއް ނުވި އެވެ. ޝައުނާގެ ހަށިގަނޑު ފެނުނީ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލްވީ ފަހުން އެ އިމާރާތުގެ ތެރެއިންނެވެ.
އާއިލާގެ މެންބަރު ކިޔައިދިން ގޮތުގައި ޝައުނާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ އައިސަލަމާރި ކައިރިންނެވެ. އޭނާގެ ގައި މައްޗަށް ބަދިގޭގައި ހުރި ކަބަޑްތައް ވެސް ވެއްޓިފައި ހުރި ކަމަށް އޭނާ ބުންޏެވެ.
މި ހިތާމަވެރި ހާދިސާގައި މަރުވެ ދިޔަ، ޝައުނާގެ ދެ ދަރިން އެބަތިއްބެވެ. އޭނާއަކީ އިސްލާމިކް ޔުނިވާސިޓީއިން ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ. އޭނާއަށް ކިޔަވައިދިން އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޝައުނާއަކީ ކިޔެވުމަށް ޝައުގުވެރި ހިންމަތްތެރިއެއް ކަމަށެވެ.
ޝައުނާގެ ހަށިގަނޑު މިހާރު އޮތީ އާސަހަރާގަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މިރޭ މޯޖަރީއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެ އެވެ. ކަށު ނަމާދު ކުރުން އޮތީ މެންދުރު ނަމާދަށްފަހު އެވެ. އޭނާގެ އާއިލާއިން ވަނީ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އެދިފަ އެވެ. ޝައުނާގެ ހަށިގަނޑު ވަރަށް ބޮޑަށް އަނދާފައިވާތީ އޭނާގެ ގާތް މީހުންނަށް ފިޔަވައި މޫނު ނުދެއްކުމަށް ވަނީ ނިންމާފަ އެވެ.