މިދިޔަ ސެޕްޓެމްބަރު މަހު މާލޭގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދެމުންދާ އާއިލާތަކަށް އިތުރު ތިން މަސް ދުވަހު އެ ތަންތަނުގައި ތިބެވޭނެ ގޮތަށް ހަމަޖައްސައިފި އެވެ.
އަލިފާނުގެ ހާދިސާއިން ހާލުގައި ޖެހުނު ހަތް ގޭބިސީއެއްގެ 29 މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފައި ވެއެވެ. އޭގެ ތެރެއިން ހަ ގޭބިސީއެއްގެ އާއިލާ ތިބީ ގާކޮށި ފްލެޓްތަކުގަ އެވެ. އެ ހާދިސާގައި ރޯވެ އެނދި ހ. ކަޅުހުރާގޭގައި އުޅުނު މީހުން ވޭސައިޑްގައި ތިބިއިރު، ސަރުކާރުން ތިން މަހުގެ ކުލި އެ އާއިލާ ވަނީ ދީފައެވެ. އަދި އުޅޭނެ ތަނެއް ހޯދައިގެން ބަދަލުވުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވަނީ އަންގާފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދެމުންދާ އާއިލާތަކަށް އިތުރު ތިން މަސް ދުވަހު ގާކޮށީގައި ތިބެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ނިންމުމަކީ މިހާރުގެ ހާލަތަށް ބަލައި ގެނެސްފައިވާ ބަދަލެއް ކަމަށްވެސް ބުންޏެވެ.
މީގެ ކުރިން މި މަހުގެ ނިޔަލަށް ކާގޮށިން ވަގުތީ ހިޔާވަހިކަން ދިން މީހުން އެ ތަންތަނުން ނިކުންނަން އެމްޑީއެމްއޭއިން އޮތީ އަންގާފައެވެ.
މާލެ ސިޓީގައި މިފަހުން ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާއާއި ގުޅިގެން 115 ގޭބިސީއެއްގެ އާއިލާތަކަށް ލިބުނު ގެއްލުމަށް 7.8 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ވަނީ ދީފައެވެ. އެއީ ހާލުގައި ޖެހުނު އެ އާއިލާތަކަށް ލިބުނު ގެއްލުންތަކުގެ ގާތްގަނޑަކަށް 88 ޕަސެންޓް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި އެހީއާއި އެހެނިހެން އެހިތަކާއެކު ގާތްގަނޑަކަށް 8.2 މިލިއަން ރުފިޔާއަށް އެހީގެ އަދަދު އަރަ އެވެ.
އޭގެ ތެރެއިން 5.3 މިލިއަން ރުފިޔާ އަކީ އެންޑީއެމްގެ މިންގަނޑުތަކާއި އުސޫލުތަކުގެ ދަށުން ސީދާ ސަރުކާރުން ހަމަޖައްސައިދޭ ފައިސާ އެވެ. ބާކީވާ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާއަކީ އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ދޭން ބޭނުންވާ އެކިއެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާ އެވެ.