ހަބަރު

އަލިފާނުގައި ގެއްލުންވި ދެ ދަރިވަރަކަށް ސްކޮލާޝިޕް

Nov 4, 2019
1

ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރަމުންދާ ފަރާތްތަކަށް ކިޔަވަމުންދާ ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީފި އެވެ.

މިނިސްޓްރީއިން މިއަދު ބުނީ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީ އާއި ހިއްސާކުރުމަށް އެ ފަރާތުން އެދުނުއިރު، އެހީތެރިކަން ބޭނުންވާ ކަމަށް އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ހިމެނޭ ކަމަށެވެ. މި ދަރިވަރުންވަނީ ކިޔެވުން ފުރިހަމަކުރުމަށް އެހީތެރިކަމަށް އެދި މިނިސްޓްރީއަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ.

މި ދަރިވަރުންގެ ތެރޭގައި މެލޭޝިއާގެ މޮނާޝްގައި ބެޗްލަރސް އޮފް އާޓްސް (އޮނާސް) ފުރިހަމަކުރަމުންދާ ދަރިވަރަކާއި މެލޭޝިއާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖްގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަމުންދާ ދަރިވަރަކު ހިމެނެއެވެ. މި ދަރިވަރުން ކިޔެވުން ފުރިހަމަކުރުމަށްޓަކައި މިނިސްޓްރީން މި ދަރިވަރުންނަށް ސްކޮލާޝިޕެއް ވަނީ ދީފައެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ހޭދަވާ އެއްވެސް ފައިސާއެއް އަނބުރާ ދައްކާކަށްނުޖެހޭނެއެވެ.

މިއަދު މިނިސްޓްރީގައިގައި ބޭއްވި ބައްދަލުވުމެއްގައި މި ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މި ސްކޮލާޝިޕްގައި އިތުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކޯސް ފީއެއްވާނަމަ އެ ފައިސާއާއި ކޯސް ނިމެންދެން މެލޭޝިއާގައި ދިރިއުޅުމުގެ ހަރަދާއި އަނބުރާ ގައުމަށް އައުމަށް ބޭނުންވާނެ ޓިކެޓް އަދި ޑިޕާޗާާ އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.