ކެމިކަލް ގުދަނުގައި ރޯވުން

އަލިފާނުން ގެއްލުންވި އާއިލާތަކަށް 8.2 މިލިއަން ރުފިޔާގެ އެހީ

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހި ގެއްލުންވި މީހުނަށް އެހީވުމުގެ ގޮތުން ގާތްގަނޑަކަށް 8.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓޭ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމް އިން މިއަދު ބުނީ އަލިފާނުގެ ހާދިސާއިން ހާލުގައި ޖެހުނު ހަތް ގޭބިސީއެއްގެ 29 މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން ހަ ގޭބިސީއެއްގެ އާއިލާ ތިބީ ގާކޮށި ފްލެޓްތަކުގަ އެވެ. އެ ހާދިސާގައި ރޯވެ އެނދި ހ. ކަޅުހުރާގޭގައި އުޅުނު މީހުން ވޭސައިޑްގައި ތިބިއިރު، ސަރުކާރުން ތިން މަހުގެ ކުލި އެ އާއިލާ ދީފައިވާ ކަމަށާއި އަދި ވީ އަވަހަކަށް ކުއްޔަށް ތަނެއް ހޯދައި އުޅެން ފެށުމަށް ނޯޓިސް ދީފައިވާ ކަމަށެވެ.

ވަގުތީ ހިޔާތަކުގައި މިހާތަނަށް ވެސް އުޅެމުންދާ މީހުނަށް ހަތް ގޭބިސީގެ އާއިލާތަކަށް އާންމު ދިރިއުޅުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައި، ހާދިސާ ހިނގިތާ ތިން މަސް ދުވަހަށް ބޭނުންވާ ކެއިން ބުއިމުގެ ފައިސާ ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ގޮތުން މިދިޔަ ތިން މަހު ވަނީ އެ ކަމަށް 508،600 ރުފިޔާ ދީފަ އެވެ. އެ ތަންތަނުގެ ކަރަންޓު ބިލް ވެސް ސަރުކާރުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެންޑީއެމް އިން ބުނި ގޮތުގައި އެ އޮތޯރިޓީގައި އޮންނަ މިންގަނޑާއި އުސޫލުތަކުގެ ދަށުން އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން ދޭނެ އެހީތެރިކަން ކަނޑައަޅައި އެ ފައިސާ ޖަމާކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ގޮތުން 115 ގޭބިސީއެއްގެ އާއިލާތަކަށް ލިބުނު ގެއްލުމަށް 7.8 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ ހާލުގައި ޖެހުނު އެ އާއިލާތަކަށް ލިބުނު ގެއްލުންތަކުގެ ގާތްގަނޑަކަށް 88 ޕަސެންޓް ކަމަށް އެންޑީއެމް އިން ބުންޏެވެ. މި އެހީއާއި އެހެނިހެން އެހިތަކާއެކު ގާތްގަނޑަކަށް 8.2 މިލިއަން ރުފިޔާއަށް އެހީގެ އަދަދު އަރަ އެވެ.

އޭގެ ތެރެއިން 5.3 މިލިއަން ރުފިޔާ އަކީ އެންޑީއެމްގެ މިންގަނޑުތަކާއި އުސޫލުތަކުގެ ދަށުން ސީދާ ސަރުކާރުން ހަމަޖައްސައިދޭ ފައިސާ އެވެ. ބާކީވާ ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާއަކީ އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ދޭން ބޭނުންވާ އެކިއެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާ އެވެ.

އެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ފައިސާ ޖަމާކޮށްދިނުމަށް ހުޅުވި ރިލީފް އެކައުންޓްގައި އަދިވެސް ބާކީ ގާތްގަނޑަކަށް 36،000 ރުފިޔާ އެބަ ހުރި ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. އާއިލާތަކަށް އެހީގެ ކަންކަން ހަމަޖައްސަން ހިނގާފައިވާ ހަރަދުތަކުގެ ބިލްތައް ދެއްކުމަށް ބޭނުން ކުރާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހި ގެއްލުންވި އާއިލާތަކަށް ސަރުކާރުން ހަމަޖައްސާފައިވާ އެހީގެ މައުލޫމާތުތައް އެ އާއިލާތަކަށް ހިއްސާ ކުރަމުންދާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ. ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހުގައި ހިނގި އެ ހާދިސާ 786 ފަރާތަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި އެކަކު ވަނީ މަރުވެފަ އެވެ.