ހަބަރު

ހެންވޭރު އަލިފާން: 141 މީހުން އަދިވެސް ވަގުތީ ހިޔާގައި

Oct 24, 2019

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކުގެ ތެރެއިން އަދިވެސް 24 އާއިލާއެއް ވަގުތީ ހިޔާވަހި ކަމުގައި ތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ އެމީހުންގެ ތެރެއިން މިހާރު އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބީ 24 އާއިލާއެއްގެ 141 މީހެއް ކަމަށެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ ގާކޮށީގެ 14 އެޕާޓްމަންޓަކާއި، ބައެއް ގެސްޓް ހައުސްތަކުގެ އިތުރުން ބައެއް އެޕާޓްމަންޓުތަކުން ކުއްޔަށް ކޮޓަރި ހިފައިގެން ކަމަށެވެ.

އޭގެ ތެރެއިން އެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް ދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ނިންމަވާފައިވާ ތިން މަސްދުވަހުގެ ކުލީގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާކަމަށް އެންޑީއެމްއޭއިނުން ބުންޏެވެ. އަދި އެ އާއިލާތަކުން ތަނެއް ކުއްޔަށް ހިފައި، އާންމު ދިރިއުޅުމުގެ ހާލަތަށް އާދެވެންދެން، މިމަހުގެ ނިޔަލަށް އެ އާއިލާތަކަށް ވަގުތީ ހިޔާވަހިކަމުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ ވެރިފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމާއި ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް ނިންމަންދެން ގާކޮށީގައި ދިރިއުޅެވޭނެ އިންތިޒާމްތަކާއި ކެއުމުގެ އެލަވަންސް ފޯރުކޮށްދެމުން ގެންދެވޭނެކަމަށްވެސް އެންޑީއެމްއޭއިން އިތުރަށް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ފިރިހެނުންނާއި 336 އަންހެނުންނެވެ. އެ މީހުންގެ ތެރޭގައި ދިވެހިންނާއި، ހަ ގައުކަމަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނުނު އިރު އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ.