ކެމިކަލް ގުދަނުގައި ރޯވުން

ވަގުތީ ހިޔާތަކުން ހަ ގެއެއްގެ މީހުން އެ ގެތަކަށް ބަދަލުކޮށްފި

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހ. ތިލަފުށީގޭގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހިގެން ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރެއިން ހެ ގެއެއްގައި ދިރިއުޅޭ މީހުން އަލުން އެ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އަވަސްއަށް ވިދާޅުވީ ވަގުތީ ހިޔާތަކުން ގެތަކަށް ބަދަލު ކުރަން ފެށީ އެ ގެތަކުގައި މީހުން ތިބެން މިހާރު ރައްކާތެރި ކަމަށް އެސަސްމަންޓްތަކުން ކަށަވަރު ކުރެވިފައިވާތީ ކަމަށެވެ. އެ ގެތަކަކީ ހ. އެމޯޝަން، ހ. ހޮޅުކޮށީގެ، ހ. ފެހިއާބާދު، ހ. ޖީމާ، ހ. ސޯފާގެ، ހ. ރަސްމާދޫގެ އެވެ.

އަލިފާނުގެ ހާދިސާގައި ވެސް އެ ހަ ގެއަށް މާ ބޮޑެތި ގެއްލުންތައް ނުވާ ކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ ވަގުތީ ހިޔާތަކަށް އެ މީހުން ބަދަލު ކުރީ ރޯވި ގެތައް ސާފު ކުރުމުގެ ކަންކަން ދާތީ އޭރު އެ ގެތަކުގައި ބައިތިއްބަން އޭރު ރައްކާތެރި ކަމަށް ނުފެންނާތީ ކަމަށެވެ.

އެންޑީއެމްއޭން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައި މި ވަގުތު ތިބީ ނުވަ ގެއެއްގައި ދިރިއުޅޭ 34 އާއިލާއެއްގެ 199 މީހުންނެވެ. އެ މީހުން ތިބޭނެ ތަނާއި ކެއިންބުއިމުގެ އިންތިޒާމުތައް އެމްޑީއެމްއޭއިން ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު، އެކަކު ވަނީ މަރުވެފަ އެވެ. މި ހާދިސާގައި އިމާރާތްތައް އަނދައި ހުލިވިއިރު، މާލީ ގިނަ ގެއްލުންތައް ވަނީ ވެފަ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ އަދަދެއް އަދި ނޭނގެ އެވެ. އަދި އަލިފާން ރޯވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުން ދަނީ ބަލަމުންނެވެ.