ރޭ މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ އިމާރާތްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ ފަރާތްތައް ހާލުގައި ޖެހިފައިވާ ކަމަށާއި ހާލުގައި ޖެހުނު ހުރިހާ ފަރާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ރޭ ވަނީ އެ ހާދިސާގައި ހާލުގައި ޖެހުނު މީހުނަށް އެހީތެރިވުމުގެ ގޮތުން ކަލާފާނު ސްކޫލްގައި ވަގުތީ ހިޔާއެއް ގާއިމުކޮށްފަ އެވެ. ހާލުގައި ޖެހުނު މީހުނަށް އެހީތެރިވުމުގެ ގޮތުން ބައެއް އާންމު މީހުންނާއި އަމިއްލަ ވިޔަފާރިތަކާއި ޖަމާއަތްތަކުން ވެސް ރޭ ވަނީ އެ ސްކޫލަށް ގޮސް ކާބޯތަކެއްޗާއި އަންނައުނު ހަދިޔާ ކޮށްދީފަ އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން ވިދާޅުވީ، ކާލާފާން ސްކޫލްގައި ގައިމު ކުރި ވަގުތީ ހިޔާގައި މިހާތަނަށް 443 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބައެއް އާއިލާތައް ވަނީ އެ އާއިލާގެ މެންބަރުންގެ ތެރެއިން އެހެން ތަންތަނުގައި ދިރިއުޅޭ މީހުންގެ އެހީ ހޯދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ހިޔާގައި 443 މީހުން ރަޖިސްޓްރީ ކުރި، އޭގެ ތެރެއުން މީހުންގެ ތެރެއިން 83 މީހަކަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިން، އެކަމު ރަޖިސްޓްރީވި ކޮންމެ މީހަކަށް ދަނީ އެހީތެރިކަން ދެމުން، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކާބޯތަކެއްޗާއި އަންނައުނާއި ނިދޭނެ ސަމާނުތައް ފޯރުކޮށްދީ، މި ހުރިހާ އެހީއެއް ދީފައިވާނެ." ހިސާން ވިދާޅުވި އެވެ.
ހާލުގައި ޖެހުނު މީހުންގެ ތެރެއިން 59 ބިދޭސީއަކަށް ގަލޮޅު ދަނޑުން ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށާއި އިތުރު 60 ބިދޭސީން އެ މީހުން ވަޒީފާއަދާކުރާ ފަރާތްތަކުގެ ބެލުމުގެ ދަށަށް ހަވާލު ކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. ބިދޭސީންގެ ކަންކަމުގައި ވެސް މުއާމަލާތް ކުރަން ޖެހޭ ފަރާތްތަކާއެކު މުއަމަލާތް ކޮށްގެން އެ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. ފަހުން އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި އިތުރު ތިން ގުދަނަކޮށް ކުރި އެވެ. އެ ހާދިސާގައި ވަނީ ހަތަރު ކެމިކަލް ގުދަނެއްގައާއި ހަ ގެއެއްގައި ރޯވެ ފަ އެވެ.
އެ ހާދިސާގައި އަލިފާން ރޯވި އިމަރާތްތަކުގައި ތާށިވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ އެމްއެންޑީއެފްގެ ސިފައިން ކުރި މަސައްކަތުން ސަލާމަތްކޮށްފަ އެވެ. ނަމަވެސް އިމާރާތުގައި ތާށިވި ތ. ބުރުނީއަށް އުފަން އައިޝަތު ޝިއުނާ ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު، ކާކު ކަން ނޭނގޭ ވަރަށް އޮތީ އަނދާފަ އެވެ.