ހަބަރު

ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީ ދޭން ހުޅުވާލަނީ

އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގެ ފުރުސަތު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ބެންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިޒާސްޓާ މެނޭޖްމަަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ މާދަމާ ބެންކް އޮފް މޯލްޑިވްސް އާ ގުޅިގެން، ބެންކުގައި ގާއިމް ކުރާ އެކައުންޓްތަކަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކުން ޑިިޒާސްޓާ މެނޭޖްމަންޓް ފަންޑަށް ފައިސާ ޖަމާ ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށެވެ.

"ފައިސާ ޑޮނޭޓް ކުރައްވަން ބޭނުންވާ ފަރާތްތަކުން، އެ ބޭފުޅުން އަމިއްލަ އަށް ބެންކަށް ވަޑައިގެން ފައިސާ ޖަމާ ކުރެއްވުމުން އަޅުގަނޑުމެންގެ، ޑިިޒާސްޓާ މެނޭޖްމަންޓް ފަންޑަށް އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ހިސާން ވިދާޅުވި އެވެ.

މިހާރު ވެސް ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް ތިބިކަން ހިސާން ފާހަގަކުރެއްވި އެވެ.

ޑިޒާސްޓާ އިން ބުނި ގޮތުގައި ރޭގެ ހާދިސާއާ ގުޅިގެން ރެއިން ފެށިގެން 173 ފަރާތެއް ރަޖިސްޓްރީ ކުރި އެވެ. އަދި އެ ފަރާތަކަށް ބޯހިޔާވަހިކަންދީ އެމީހުން ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި، ހާލުގައި ޖެހުނު ބައެއްް ފަރާތްތައް އަމިއްލަ އަަށް އެހެން ތަންތަނަށް ބަދަލުވެފައިވާ ކަންވެސް ފާހަގަ ކުރި އެވެ.

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް އިއްޔެ ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ.