މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅުން ނެތް ބިދޭސީންތަކެއް ކަލާފާނުގައި ސްކޫލުގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާއަށް އެހީ ހޯދަން ދިޔަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަން ވިދާޅުވެއްޖެ އެވެ.
ހޭންވޭރުގެ މަގެއް ކަމަށްވާ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް ހުކުރު ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ. އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ރަޖީސްޓްރީ ވި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
ރައީސް އޮފީހުގައި މި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ، ކަލާފާނު ސްކޫލުގައި އެހީ ފޯރުކޮށްދޭ ސެންޓަރު ގާއިމްކުރުމުން ވަރަށް ގިނަ ބިދޭސީން ސެންޓަރަށް ދިޔަ ކަމަށެވެ. އަދި އެއިން ބިދޭސީއެއްގެ ގޮތުގައި އެއްވެސް ކަހަލަ ލިޔެ ކިޔުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ ބައެއްގެ އައިޑީ ކަޑާއި އެހެނިހެން ލިޔުންތަށް އަދާފައިވުމުން، އެތަކެތި ވިހާވެސް އަވަހަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ބިދޭސީން ނިދަން ތިބޭ އިމާރާތެއް ހުރުމުގެ މައުލޫމާތު ލިބުމުން، އެންޑީއެމްއޭއިން ދިޔައީ ކަލާފާނު ސްކޫލަށް ދިޔަ ހުރިހާ ބިދޭސީންނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ގިނަ ބިދޭސީންތަކެއް އަލިފާނުގެ އަސަރު ކޮށްގެން އެހީތެރިކަމަށް އެދި ކަލާފާނު ސްކޫލަށް ދިޔަ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އެގޮތުން ކަލާފާނު ސްކޫލަށް ދިޔަ 59 ބިދޭސީ އަކީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ މީހުން ނޫންކަން މޯލްޑިވްސް އިމިގިރޭޝަންގެ ފަރާތުން އެންޑީއެމްއޭއަށް އެންގި ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މުވައްޒިފުން ކަމަށްވުމުން، އެ ކޮންސްޓްރަކްޝަން ކުންފުނިން މިހާރު ބިދޭސީންނާ ހަވާލުވެފައިވާ ކަމަށެވެ. އަދި ބާކިތިބި ބިދޭސިން މިއަދު ދިޔައީ އެމީހުންގެ އާންމު އުސޫލުން މަސައްކަތް ކޮށްގެން ލާރި ހޯދަން ކަމަށެވެ.
އޭރު ހުރިހާ އެންމެނަަށް ގަލޮޅު ދަނޑުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. ހިސާން ވިދާޅުވީ، ދޮގު ހަދައިގެން ވަގުތީ ބޯހިޔާ ވަހިކަމާއި އެހީ ހޯދަން މަސައްކަތް ކުރި ބިދޭސީން ކަންތައް މިހާރު އެންޑީއެމްއޭއިން ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ގަލޮޅި ދަނޑުގައި ތިބީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ ބިދޭސީން ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އަސަރު ނުކުރާ އައްޑޫ ބަޔަކު ވެސް ބޯހިޔާވަހިކަން ހޯދަން މަސައްކަތް ކޮށްފައިވާކަމަށް ހިސާން ވަނީ ބައްދަލުވުމުގެ ތެރެއިން ވިދާޅުވެފަ އެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުނަށް އެހީވުމަށް މިހާރު ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވާފައި ހުންނާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވީ އެންޑީއެމްއޭއިން ޗެކް އާއި ފައިސާ ހަވާލުކުރުމުގެ ބަދަލުގައި އެކައުންޓަށް ޓްރާންސްފާ ނުވަތަ ބޭންކަށް ގޮސްގެން އެކައުންޓަށް ފައިސާ ފޮނުވުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.