ހަބަރު

ބޮޑު އަލިފާން: ޝައުނާ ވަޅުލައިފި

ރޭ މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ އިމާރާތްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ތ. ބުރުނީ ފެންފިޔާޒުގޭ އައިޝަތު ޝައުނާގެ ޖަނާޒާ ބާއްވައި އާ ސަހަރާގައި ވަޅުލައިފި އެވެ.

ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި ފުރަތަމަ ރޯވީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. ފަހުން އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި އިތުރު ތިން ކެމިކަލް ގުދަނަކަށް ކުރި އެވެ. އެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނުގެ އިތުރުން ހަ ގެއެއްގައި ރޯވި އެވެ.

އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތްތަކުން މީހުން ނެރެ ހުސްކުރި ފަހުން އެކަކު މަދު ކަމަށް އާއިލާއިން ރިޕޯޓު ކުރުމުން އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ސިފައިން ކުރި މަސައްކަތުން ޝައުނާގެ ހަށިގަނޑު ފެނުނީ މުޅި އިމާރާތުގައި ރޯވެފައިވާ އަލިފާން ވެސް ކޮންޓްރޯލް ކުރި ފަހުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު ކާކު ކަން ނޭނގޭ ވަރަށް މުޅި ހަށިގަނޑު ރޯވެފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފް އިން ފަހުން ވަނީ އެއީ ޝައުނާ ކަން ކަށަވަރުކޮށްދީފަ އެވެ.

އާ ސަހަރާގައި ބޭއްވި ޝައުނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު، އެ ޖަނާޒާގައި ނައިބު ރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން ބުރުނީ ހިމެނޭ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރިން ކައިވެންޏެއްކޮށް ޝައުނާގެ ދެ ފިރިހެން ކުދިން ތިބެ އެވެ. އެ ދެ ކުދިން ދިރިއުޅެނީ އެ ކުދިންގެ ބައްޕައާ އެކުގަ އެވެ. މަންމަ އާއި ބައްޕަ ވެސް މަރުވެފައިވާ ޝައުނާގެ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ ފިރިހެނެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ އެންމެ ފުރަތަމަ ރޯވި ގޭގެ ކުރިމަތީގައި ހުންނަ ގޭގައި އޭނާގެ ބޭބެއާ އެކުގަ އެވެ.