ހަބަރު

އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ އަކީ 21 ސެޕްޓެމްބަރެވެ. މޫދާއި ގޮނޑުދޮށް ރައްކާތެރިކުރުމަށް އަހަރަކު އެއްފަހަރު ފާހަގަކުރާ މި ދުވަހަކީ ހަ މިލިއަނެއްހާ ވޮލަންޓިއަރުންނާއި އެކު ދުނިޔޭގެ 90 ގައުމުގައި ފާހަގަ ކުރާ ދުވަހެކެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކާއި އެންޖީއޯ އަދި ވޮލަންޓިއަރުންގެ އިސްނެގުމާއި އެކު ރާއްޖޭގެ އެކި ކަންކަންކޮޅުތަކުގައި ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މިގޮތުން "ޓްވިޓްސާފު" ނަމުގައި ޓުވިޓާއިން އުފެދިގެން އައި ވޮލަންޓިއަރުންތަކެއް ވަނީ އުރީދޫގެ ސްޕޮންސައަކާއި އެކު ލާމު އަތޮޅުގައި ކޯސްޓަލް ކްލީންއަޕް ޑޭ އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތްތަކަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މޫސުން ގޯސްވެ ތެމިފޯވެގެން ކުރި މަސައްކަތުން އެއް ޓަނު ކުނި ސާފުކޮށްފައިވާ ކަމަށް ޓްވިޓްސާފުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ކުއްޏާއި ކުނި މެނޭޖްމަންޓް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ތިން ޕްރޮގްރާމެއް އިހައްދޫ ސްކޫލް، ހަމަދު ސްކޫލް އަދި މުކުރިމަގު ސްކޫލްގައި ކުރިއަށް ގެންގޮސްފައިވާ ކަމުގައި ޓުވިޓްސާފުން ސިޔާނާ މުހައްމަދު ސޯލިހް މައުލޫމާތު ދިނެވެ.

އެންޖީއޯއެއް ކަމުގައިވާ ސޭވް ދަ ބީޗް މޯލްޑިވްސް އިން ވިލިމާލެގެ ސަރަހައްދެއް ވަނީ ސާފުކުުރުމުގެ ހަރަކާތްތަކެއް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައެވެ. ސޭވް ދަ ބީޗް އިން މައުލޫމާތު ދިންގޮތުގައި ވިލިމާލޭގެ ގޮނޑުދޮށުން 350 ކިލޯއަށްވުރެ ގިނަ ކުނި ވަނި އެ ފަރާތާއި އެކު ހަރަކާތްތެރިވި ވޮލަންޓިއަރުންނާއި ގުޅިގެން ސާފުކޮށްފައެވެ.

އަމިއްލަ އެކި ފަރުދުން ވަނީ ދުވަހުގެ ރޫހުގައި ސާފުކުރުމުގެ އެކި އެކި ކުދި ޕްރޮޖެކްޓް ފަރުދީ ލެވެލްއެއްގައި ހިންގާފައެވެ. ހުކުރުދުވަހުގެ އަލިފާނުގެ ހާދިސާއަށް ފަހު އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ރަސްމީ ހަރާކާތް މިނިސްޓްރީ އޮފް އެންވާރަމަންޓް ހުކުރުދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި އެކު ފަސްކޮށްލިއެވެ. އެހެންނަމަވެސް، މިވަގުތަށް ފަސްކުރެވިފައިވީ ނަމަވެސް އިތުރު ހަރަކާތްތަށް ރަސްމީ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ.