ލައިފްސްޓައިލް

ކާކު ނޫނެކޭ ބުނާނީ؟: ކެމްޕެއިން ފަށައިފި

އެއް ފަހަރު ބޭނުން ކޮށް އެއްލާލާ ޕްލާސްޓިކް މަދު ކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ. މި ކެމްޕޭން ފެށީ ރާއްޖޭގައި ހިންގާ އެންޖީއޯއެއް ކަމުގައިވާ ނޯ ޕްލާސްޓިކް މޯލްޑިވްސް އެވެ.

މި ކެމްޕޭނަކީ އާއްމު ދިރިއުޅުމުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކާ ދުރު އެހެން ގޮތެއް އިހުތިޔާރު ކުރުމުގެ އާދަ އަށަގަންނަވަން ފެށި ކެމްޕޭނެކެވެ. މީގެ އިތުރުން ޕްލާސްޓިކާ ނުލައި ވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެވެން އެބައޮތްކަން އަންގައި ދޭނެ އެވެ.

ކެމްޕެއިން ފުރަތަމަ ހަރާކާތުގެ ގޮތުން ހިންގަނީ ފޮޓޯ / ވީޑިއޯ ހިއްސާ ކުރުމުގެ ހަރާކާތެކެވެ. އާއްމުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމް ކޮށްފައިވާ މި ހަރާކާތުގައި ތިމާވެއްޓާއި ރައްޓެހިކޮށް ކުރާ ނުވަތަ ކުރަމުން އަންނަ ކަމެއްގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމުގެ ފުރުސަތު ދީފައި ވެއެވެ.

ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ޖެހެނީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖް ގައެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ފަރާތަކަށް ބޯ ފެން ފިލްޓާ ކުރެވޭ ސިސްޓަމެއް ދޭނެ އެވެ.

އިނާމު ދޭނީ ޕޯސްޓްކުރާ ޕޮޓޯ އާއި ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއާ ލިބޭ ފަރާތަކަށެވެ. އެއް މަސް ދުވަހުގެ ކެމްޕެއިނަށް ފޮޓޯ އަދި ވީޑިއޯ ހުށެހެޅުމުގެ ސުންގަނޑިއަކީ މި މަހުގެ 30 ވަަނަ ދުވަހެވެ.