މާލެ ސިޓީގެ ތޮއްޖެހުން ކުޑަ ކުރުމަށާއި ވެހިކަލް ޕާކް ކުރުމަށްޓަކައި ބޮޑު ޖާގަތައް ހެދުމަށް ފަހު، މާލޭގެ ބޮޑު ސަރަހައްދެއްގައި ހިނގާ ބިނގާވެ އުޅޭ ގޮތަށް ހަމަޖެއްސެމުގެ ވިސްނުން ސިޓީ ކައުންސިލްގައި އެބަ އޮތް ކަމަށް އެ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ތޮއްޖެހި ހިތާމަވެރި ހާދިސާތައް ހިންގުން މަދު ކުރުމުގެ ގޮތުން މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނަން ޖެހޭ ކަމަށެވެ. ޕްލޭނިން މިނިިސްޓްރީއާއެކު އެ މަސައްކަތް ފަށާފައިވާ ކަމަށާއި މަސައްކަތް ނިމުމުން އާންމުންގެ ހިޔާލަށް އެ ޕްލޭން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން މާލޭގައި އިތުރަށް ވެހިކަލް ދުއްވާނެ ޖާގައެއް ނެތް ކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ކައުންސިލުން މިހާރު ނިންމާފައި ވަނީ މާލެއަށް އެތެރެ ކުރާ ވެހިކަލްތައް ލިމިޓް ކުރުމަށް ސަރުކާރުގައި އެދުމަށެވެ. އަދި މާލޭގައި ވެހިކަލް ޕާކް ކުރުމާއި ދުއްވުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ވެސް ކައުންސިލްގެ ވިސްނުން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން ކުރިއަށް އޮތް ތަނުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އިތުރަށް ޖާގަ ދިނުމުގެ ގޮތުން، މާލޭގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހަދައި ބައެއް މަގުތަކުގައި ޕާކް ކުރުން މަނާ ކުރެވޭ ގޮތަށް އުސޫލުތައް ހަމަޖައްސާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
"މާލޭގެ މަގުތައް ޑިޒައިން ކުރެވޭއިރު ވަރަށް ބޮޑު ސަރަހައްދެއްގައި ހިނގާ އުޅޭ ގޮތަށް ހަމަޖައްސާނަން. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ބޭނުންހާ ތަނަކު ބޭނުންހާ ވަގުތަކު ޕާކް ނުކުރެވިދާނެ ކަމަށް، ކުރިއަށް އޮތް ތަނުގައި ކަންކަން ހަމަޖައްސާނީ ގާއިމު ކުރާ ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި ދާން ބޭނުންވާ ތަނަށް ހިނގާފައިދާ ގޮތަށް،" ޝިފާ ވިދާޅުވި އެވެ.
ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރުމުގެ ގޮތުން މާލޭގައި ބަސް ދުއްވުމަށްޓަކައި މަޖީދީ މަގުގައި ވެސް ވެހިކަލް ޕާކް ނުކުރެވޭ ގޮތަށް ހަމަޖައްސަން ވިސްނަމުންދާ ކަމަށް ޝިފާ ވިދާޅުވި އެވެ. އޭރުން ބަސް ދަތުރުކުރުމަށް މާލޭން ޖަގާ ލިބިގެންދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާލެ ބެލެހެއްޓުމަށްޓަކައި އިތުރު މުވައްޒަފުން ސިޓީ ކައުންސިލަށް ބޭނުންވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އަދި މިހާރަށްވުރެ ހަރުދަނާ ސިޓީ ސިޔާސަތަކާއެކު ސިޓީ ކައުންސިލަށް އިތުރު މާލީ ބާރުތަކާއި ވަސީލަތްތައް ދެވިއްޖެނަމަ ކަންކަން ހައްލު ކުރެވިގެންދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.