ރޭ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގޭތަކުގައި ދިރިއުޅޭ ދަރިވަރުން ކުލަ ހެދުމުގައި ސްކޫލަށް ދިޔުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅެމުންދިޔަ ހުރިހާ ދަރިވަރުންނަށް، ކުލަހެދުމުގައި ސްކޫލަށް ދާންޖެހުނު ކަމުގައިވިޔަސް އެ ކުދިންނަށް ސްކޫލަށް ދިއުމުން ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހަތް އިމާރާތަކަށް ގެއްލުންވި އެވެ. އެ އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ.
ކަލާފާނު ސްކޫލްގައި ގާއިމް ކުރި ވަގުތީ ހިޔާއަށް 173 މީހަކު ރަޖިސްޓްރީވި އެވެ. އެ ފަރާތްތަކަށް ގެސްޓްހައުސް ފަދަ ތަންތަން މިހާރު ވަނީ ބޯހިޔާވަހިކަން ހަމަޖައްސާފަ އެވެ. މި ނުރައްކާތެރި ހާދިސާގައި ލިބުނު ގެއްލުންތައް އަދި ވަޒަންކޮށްލަން ނޭނގެ އެވެ.
އެހެންނަމަވެސް ގިނަ އާއިލާތަކެއްގެ ހުރިހާ ސަމާނަކާއި މުޅި ދިރިއުޅުން ވަނީ ނެތިގޮސްފަ އެވެ. އެމީހުންނަށް ދިރިއުޅުން ސުމަކުން ފަށަން ވަނީ ޖެހިފަ އެވެ. އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.