ލައިފްސްޓައިލް

ގަޑިޖެހޭ ދަރިވަރުން ލައްވާ ފާޚާނާ ސާފު ކުރުވަނީ!

އިންޑިއާގެ ހައިދަރްއާބާދުގެ ހައި ސްކޫލަކަށް ގަޑިޖެހިގެން ކިޔަވަންދާ ކުދިންނަށް ފާޚާނާ ސާފު ކުރަން ޖައްސާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. "ސްވަޗް ބާރަތު" ނުވަތަ އިންޑިއާ ސާފު ކުރުމުގެ ނަމުގައި ކުދިން ލައްވާ މިކަން ކުރުވަނީ އަންގި އާއި މާސްކް ފަދަ ތަކެތި ވެސް ނުދީ އެވެ.

ނަން ނުޖަހާ ގޮތަށް އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން މި ތަނުން ކުއްޖަކު ބުނީ ފާޚާނާ ސާފުކުރަން ޖެހެނީ އަތުން ކަމަށެވެ. އަންގިއެއް އެއްޗެއް އެ ކުދިންނަކަށް ބޭނުން ކުރާކަށް ނުދެ އެވެ.

ގަޑިޖެހިގެން ދިއުމުން އަދަބެއްގެ ގޮތުން ފާޚާނާ ސާފު ކުރުވުމަކީ ބައެއް މީހުންނަށް މައްސަލައަކަށް ނުވިޔަސް އެ ކުދިން އަތުން އެ މަސައްކަތް ކުރަން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސްކޫލް ހިންގާ ފަރާތަށް ވަނީ އަމާޒުވެފަ އެވެ.

މި ކުދިން ފާޚާނާ ސާފުކުރާ ފޮޓޯތައް ސިއްރު ސިއްރުން ނަގައިގެން ބައެއް ކުދިން ވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރަ އެކްޓިވިސްޓުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި ބައެއް އެކްޓިވިސްޓުން މިހާރުވަނީ ކުދިންނަށް އެހީވުމުގެ މަސައްކަތް ފަށާފަ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މީހަކު ބުނީ ކުދިން ލައްވާ މިކަހަލަ މުޑުދާރު ކަންތައްތައް ނުކުރުވޭނެ ކަމަށެވެ. ސްކޫލަށް ކުދިން އަންނަނީ ކިޔަވާ ކުޅެ ހަދަން ކަމަށާއި ފާޚާނާ ސާފުކުރުން ފަދަ ހަޑިކަންތައް ކުދިން ލައްވާ ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ސްކޫލުން އަދި ވަކި އެއްޗެއް ނުބުނާ ކަމަށް އިންޑިއާ ނޫހުން ބުނެފައި ވެއެވެ.