ހަބަރު

މިދިޔަ ހަފުތާގައި ސްޓިކާޖެހި އަދަދު އަނެއްކާ އިތުރު

Sep 22, 2019
4

މާލޭގައި ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ފުލުހުން ސްޓިކާ ޖެހި އަދަދު މިދިޔަ ހަފުތާގެ ތެރޭ އަނެއްކާވެސް 700 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ފުލުހުން ޖުމްލަ 717 ސްޓިކާ ޖަހާފައިވާއިރު، 94 އުޅަނދެއް ޓޯކޮށްފައި ވެއެވެ.

މިއަދު އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މާލޭގައި ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 59 އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ އެކްސިޑެންޓް ތަކުގައި 18 މީހަކު ޒަހަމްވެފައި ވެއެވެ.

މިދިޔަ ހަފުތާގައި 519 އުޅަނދެއް ބަލާ ފާސް ކުރި އެވެ. ފާސް ކުރި ވެހިކަލްތަކުގެ ތެރެއިން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަ ވެގެން ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޗެކް ކުރި ވެހިކަލްތަކުގެ ތެރެއިން، ލައިސެންސް ނެތި ދުއްވި 115 މީހަކަށް ފިޔަވަޅު އެޅި އިރު، 70 އުޅަނދެއްގައި ރޯޑްވާދިނަސް ނެތުމުގެ އިތުރުން 50 އުޅަނދުގެ އަހަރީ ފީ ދައްކާފައިނުވާކަމަށް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހެލްމެޓު ނާޅާ ދުއްވި 30 މީހަކަށާއި ފޯނުގައި އިނދެ އުޅަނދު ދުއްވި 37 މީހަކަށް ވަނީ ފުލުހުން ނަސޭހަތް ދީފަ އެވެ.