ހަބަރު

އަލިފާނުގެ ހާދިސާއާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް

Sep 22, 2019
2

މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން މަޖިލީހުގެ ދައުރުގެ ބޭރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު ހެނދުނު ފެށުމާއެކު ޖާބިރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ހުކުރު ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން އެތަކެއް އާއިލާތަކެއް ހާލުގައިޖެހިފައިވާކަމަށާއި، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަޖިލީހުން ސަރުކާރަށް ބާރު އަޅަންޖެހޭ ކަމަށެވެ.

އެ މައްސަލަ ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އެ މައްސަލައަށް ދެ ގަޑިއިރުގެ ބަހުސެއް ކަނޑައަޅުއްވައިފަ އެވެ.

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް ހުކުރު ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ. އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.