ވިޔަފާރި

އެޗްޑީއެފްސީން ޞުކޫކް ވިއްކަން ފަށައިފި

Sep 22, 2019

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފަންޑު ހޯދަން 200 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކަން ފަށައިފި އެވެ.

އެޗްޑީއެފްސީ އިން މި ފަހަރު ވެސް މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ވިއްކަނީ 1،000ރ. އަށެވެ. އަދި ވިއްކަނީ 200،000 ޞުކޫކް އެވެ. އެ ކުންފުނިން ޓާގެޓް ކޮށްފައިވަނީ މި އަދަދަށް ޞުކޫކް ވިއްކައިގެން 200 މިލިއަން ރުފިޔާ ހޯދުމަށެވެ. މި ޞުކޫކް ވިއްކަން ހުޅުވާލާނީ މިއަދުން ފެށިގެން، ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

މި ފަހަރުގެ ޞުކޫކް ވިއްކަނީ 1،000ރ. އަށެވެ.

އެޗްޑީއެފްސީގެ މެނޭޖަރު އިސްލާމިކް ފައިނޭންސް އަޒްމީން ރަޝީދު ވިދާޅުވީ ޞުކޫކްގެ ފައިދާއަކީ ޞުކޫކް ގަންނަ ފަރާތަށް މީގެ 65 ޕަސެންޓް ލިބޭނެ ކަމަށެވެ.

"ބާކީ 35 ޕަސެންޓް އެޗްޑީއެފްސީ އަށް. ދިހަ އަހަރު ވަންދަން ކޮންމެ، ހަ މަހަކުން ފައިދާ ބަހަމުން ގެންދާނެ،" އަޒްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޞުކޫކް ވިއްކާފައިވާ ކަމަށާ، އަހަރުން އަހަރަށް އިސްލާމިކް ފައިނޭންސަށް އޮތް ތަރުހީބު ބޮޑުވަމުންދާ ކަމަށެވެ.

"ފުރަތަމަ ފަހަރު [2013] ވަނަ އަހަރު 45،1230 ޞުކޫކް ވިކުނު. ދެވަނަ ފަހަރު [2017] ވަނަ އަހަރު 89،036 ޞުކޫކް ވިކުނު،" އަޒްމީން ވިދާޅުވި އެވެ.

އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ" އިން މިދިޔަ އަހަރު 384 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިސްލާމިކް ފައިނޭންސިން ފެސިލިޓީ ދޫކޮށްފައިވެ އެވެ.