ދުނިޔެ

ސައުދީއަށް ދޭ ހަމަލާތައް ހުއްޓާލައިފިން: ހޫތީން

ޔަމަނުގެ ހޫތީންގެ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ މިސައިލް ހަމަލާތައް މިހާރު ހުއްޓާލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހޫތީ ޖަމާއަތުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ އިސްވެރިޔާ މަހްދީ އަލް މަޝާތު ވިދާޅުވީ، ހޫތީ ޖަމާއަތުން ސައުދީއަށް ދޭ ހަމަލާތަށް ހުއްޓާލުމުން ސައުދީން ޔަމަނަށް ދޭ މިސައިލް ހަމަލާތަށް ވެސް ހުއްޓާލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މިހާރު މަޑު މިކުރަނީ ސައުދީން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލާފައިވާކަން އިއުލާން ކުރާނެ ވަގުތަކަށް ކަމަށް ވެސް މަހްދީ އަލް މަޝާތު ވިދާޅުވި އެވެ.

މަހްދީ އަލް މަޝާތު ވިދާޅުވީ، ހޫތީން ސައުދީއަށް ދޭ ހަމަލާތައް ހުއްޓާލާފައި ވަނިކޮށް، ސައުދީން ޔަމަނަކަށް ހަމަލާ ދީފިނަމަ އަލުން ހޫތީ ޖަމާއަތުން ވެސް ސައުދީއަށް ހަމަލާދޭން ފަށާނެ ކަމަށެވެ. އަދި މިއީ ސުލްހަވުމުގެ ގޮތުން ހޫތީން އިސްވެ އެޅި ފިޔަވަޅެއް ކަމަށާއި، ހަނގުރާމައިގެ ސބަބުން ގެއްލުންވަނީ ދެ ގައުމުގެ ރައްޔިތުންނަށް ކަމަށްވުމުން، އެއްވެސް ފައިދާއެއް ނެތް ހަނގުރާމައެއް ކުރަން ހޫތީން ބޭނުން ނުވާ ކަމަށް މަހްދީ އަލް މަޝާތު ވިދާޅުވި އެވެ.

"ހޫތިންގެ އިސްނެގުމާ ހިލާފަށް ސައުދީން ހަމަލާ ދީފި ނަމަ ރައްދު ހަމަލާ ދިނުމުގެ ހައްގު ހޫތީންނަށް ވެސް ލިބިގެންވޭ، ހޫތިންގެ ޔަމަނުގެ ހަނގުރާމަ ކުރިއަށް ގެންގޮސްގެން އެއްވެސް ބަޔަކަށް ކުރާނެ ފައިދާއެއް ނޯންނާނެ." މަހްދީ އަލް މަޝާތު ވިދާޅުވި އެވެ.

ހޫތީންގެ ނިންމުމަށް ސައުދީ ކޯލިޝަނުން ޖަވާބެއް އަދި ނުދެ އެވެ. ހޫތީންނާ ދެކޮޅަށް ޔަމަނަށް ވައިގެ ހަމަލާތައް ދޭން ކޯލިޝަނުން ފަށާފައި ވަނީ މާޗް 2015 ގަ އެވެ.