ރައްޔިތުންގެ މަޖިލިސް

މާލޭގައި ހާދިސާތައް މަދުކުރަން ކުރަންވީ ކަމަކީ ލާމަރުކަޒު ކުރުން: މެންބަރުން

މާލެ ތޮއްޖެހި ހިތާމަވެރި ހާދިސާތައް އިތުރުވާ މައިގަނޑު ސަބަބަކީ މާލެއަށް ކަންކަން މަރުކަޒު ކުރުން ކަމަށާއި ލާމަރުކަޒުކޮށް މާލެއަށް މީހުން ޖަމާވުން މަދު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާގައި އިތުރު ތިން ކެމިކަލް ގުދަނަކާއި ހަ ގެއެއްގައި ރޯވެ، އެކަކު ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދެވި އެވެ.

އެ ކުއްލި މައްސަލަ ބަހުސް ކުރެއްވި އަތޮޅުތެރޭގެ ދާއިރާތަކުގެ ބައެއް މެންބަރުން ފާހަގަކުރެއްވީ މާލެއަށް ހުރިހާ ކަމެއް މަރުކަޒު ކުރުމުގެ މައްސަލަ އެވެ. އަދި މާލޭގެ ދާއިރާތަކުގެ މެންބަރުން ވެސް މާލެ ތޮއްޖެހުމުގެ މައްސަލައާއި އެއިން ދިމާވާ އިޖުމާއީ މައްސަލަތައް ފާހަގަކުރައްވައި މާލެއަށް ތޮއްޖެހުން ކުޑަ ކުރަން ވާހަކަ ދައްކަވައިފަ އެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މާލޭގައި ހިތާމަވެރި ހާދިސާތައް ހިނގައިގެން ލިބޭ ގެއްލުންތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް ކޮންމެ ފަހަރަކު އެޅި ނަމަވެސް އަދިވެސް ހަގީގީ މައްސަލައަށް ނުދެވޭ ކަމަށެވެ.

އެފަދަ ހާދިސާތައް ދިމާވާ އަސްލު ސަބަބު ދެނެގަންނަން ޖެހޭ ކަމަށާއި، މާލެއަށް ހުރިހާ ކަމެއް މަރުކަޒު ކުރާ ކަމަށްވާނަމަ އެފަދަ ހާދިސާތައް ހިނގުން ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ސަރަހައްދުތައް ލާމަރުކަޒުކޮށް މާލެއިން ލިބޭ ހިދުމަތްތަކާ އެއް ވަރަށް އެހެން ބައެއް ސަރަހައްދުތައް ތަރައްގީ ކުރެއްވިޖެނަމަ މާލޭން ދެބައިކުޅަ އެއްބައި މީހުން މަދުވެގެން ގޮސް އެފަދަ ހާދިސާތައް ހިނގުން މަދުވެގެންދާނެ ކަމަށެވެ.

"އިގްތިސާދީ ހުރިހާ ކަމަކާއި އާމްދަނީ ލިބޭނެ ހުރިހާ ކަމެއް މި އޮތީ މާލެއަށް މަރުކަޒު ކުރެވިފައި. މާލެއާ އެއްވަރަށް މިއަދާ ހަމައަށް ވެސް ތަރައްގީ ކުރެވިފައި އޮތް އެހެން ސިޓީއެއް ނެތް. މާލެ ތޮއްޖެހެމުން ދާއިރު މާލެއިން އިތުރު ކުރެވޭނެ ބިމެއް ނެތް، ދެން ޖެހޭނީ އިމާރާތްތައް އުސް ކުރަން، ގިނަ ކުރަން، ގެދޮރާއި ގުދަން އެއްތަންވެ ހާދިސާ ގިނަވޭ،" އަފީފު ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ މާލެ ތޮއްޖެހި މާލޭގައި ހިތާމަވެރި ހާދިސާތައް ހިނގުމުން، ލާމަރުކަޒު ކުރުމުގެ މުހިއްމު ކަން އެނގިގެން ގޮސްފި ކަމަށެވެ. މާލެއާ އެއްވަރަށް އަތޮޅުތެރޭގެ ސަރަހައްދުތަކުން ވެސް ހިދުމަތްތަކާއި އާމްދަނީ ފުރުސަތު ލިބޭނެ ގޮތް ހަދައި މާލެއަށް ތޮއްޖެހުން މަދު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ އެފަދަ ހާދިސާތައް މެދުވެރި ވަނީ އެނގިގެން ނޫން ކަމަށް ވިއަސް ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާއަކީ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. އެ ގޮތުން މީގެ ކުރިން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލް ގުދަންތަކުގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގައި އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޭގޭގައި އަލިފާން ނިއްވާނެ ނިޒާމެއް ނެތް، އަލިފާނު ނިވާނެ ގޮތެއް ނެތް، ހާދިސާއެއް ހިނގައިފިނަމަ އެ ކަމުން ސަލާމަތް ކުރެވޭނެ ވަކި އިންތިޒާމުތަކެއް ނެތް، ކޮންމެ ގެއެއް މި ހުންނަނީ އެ ގެއާ އަނެއް ގެއާ ޖެހި ހާލިވެފައި، މި ކަން ހައްލު ކުރަން ލާމަރުކަޒު ކުރުމާ ދިމާއަށް ދާން ޖެހޭ،" ޖިހާން ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ކޮންމެ އިންތިހާބައެއްގައި ވެސް މާލޭގެ ރައްޔިތުން ގޮނޑިތަކަށް އިންތިހާބު ކުރަނީ އެމްޑީޕީގެ މެންބަރުން ކަމަށާއި އެމްޑީޕީގެ މެންބަރުން މާލެ ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މާ ކުރިން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެގެން މި އަންނަނީ މާލޭގެ ރައްޔިތުންނަށް ބިން ދޫކޮށް ޝަރަފުވެރި ދިރިއުޅުމެއް ދޭނެ ކަމަށް ވައުދުވެގެން، މާލޭގެ ރައްޔިތުން ކުކުޅު ހާތަކުގައި އުޅޭހެން އުޅެން ޖެހުނީމަ މި ގޮތް މި ވަނީ، އެމްޑީޕީން ވީ ވައުދުތައް ރައްޔިތުންނަށް ފުއްދައިދޭން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ މާލެ މިހާތަނަށް ތަރައްގީ ކުރެވިފައި ވަނީ ޕްލޭން ކުރެވިގެން ނޫން ކަމަށެވެ. އެ ގޮތުން މަގުތައް ހަނިވެ، ގެދޮރުތައް ގިނަވެގެން ދިރިއުޅޭ މީހުން އިންތިހާއަށް އިތުރުވެ ތޮއްޖެހިފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކެއް ތަރައްގީކޮށް އެހެން ދިމާތަކަށް މީހުން ގެންގޮސް ނޫނީ މާލޭގެ ތޮއްޖެހުން ކުޑަ ކުރެވޭކަށް ނެތް. މާލޭގެ އުސް އިމާރާތްތަކުގައި މި އުޅެނީ ހަމައެކަނި މާލެ މީހުންނެއް ނޫން. ވަޒީފާއަށާއި ތައުލީމަށް އައިސް ތިބި އަތޮޅުތެރޭގެ ޒުވާނުން ގިނަވާނީ، ލާމަޒުކޮށްގެން މައްސަލަތައް ހައްލު ކުރެވޭކަށް ނެތް،" ޝަރީފު ވިދާޅުވި އެވެ.