ވިޔަފާރި

ފުރަތަމަ ހަ މަހު ޓޫރިޒަމް ދާއިރާއަށް 1.7 ބިލިއަން ޑޮލަރު

Sep 22, 2019
1

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓޫރިޒަމް ސިނާއަތަށް 1.7 ބިލިއަން ޑޮލަރު ލިބިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ "ކުއާޓަރީ އިކޮނޮމިކް ބްލެޓިން" ގައިވާ ގޮތުން ފުރަތަމަ ހަ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 6.3 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ތިބި 6.5 ދުވަހާ އަޅާ ބަލާއިރު ދަށްވުމެކެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގައި ހިންގަމުން ގޮސްފައިވަނީ 129 ރިސޯޓެވެ. ނަމަވެސް މި އަހަރު ހިންގާ ރިސޯޓުގެ އަދަދު ވަނީ 142 އަށް އިތުރު ވެފަ އެވެ. އަދި މިދިޔަ އަހަރު 477 ގެސްޓްހައުސް ހިންގިއިރު، މިހާރު ގެސްޓްހައުސްގެ އަދަދު ވަނީ 542 އަށް އިތުރު ވެފަ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ޓޫރިސްޓު ބެޑް ކެޕޭސިޓީ ވެސް ވަނީ 11 ޕަސެންޓް އިތުރުވެފަ އެވެ. އަދި މި މުއްދަތާ ހަމަ އަށް 45,772 އެނދު ހިންގަމުން ދެ އެވެ. މީގެ އިތުރުން ޓޫރިޒަމް އޮކިއުޕެންސީ ރޭޓް ވެސް ވަނީ މިދިޔަ އަހަރު 63 ޕަސެންޓުގައި ހުރުމަށްފަހު މި އަހަރު 66 ޕަސެންޓަށް އިތުރުވެފަ އެވެ.