ކެމިކަލް ގުދަނުގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި އެކި ގޮތް ގޮތުން އަސަރު ކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރުޙޫމް އައިޝަތު ޝައުނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި އެ މަރުޙޫމާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.
އެ ހިތާމަވެރި ހާދިސާގެ އަސަރުކޮށް، ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް ކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށާއި، އެ ނުރައްކާތެރި ކާރިސާގައި އެކި ގޮތްގޮތުން އަސަރުކޮށް ސިވިލް ސާވިސްގެ ހިދުމަތަށް ނުކުތުމަށް އުޒުރުވެރިވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، އެ މުވައްޒަފުން އާންމު ހާލަތަށް ބަދަލުވުމަށް މަގުފަހިކުރުމުގެ ގޮތުން، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.
ސިވިސް ސާވިސް ކޮމިޝަނުން ބުނީ މި ކާރިސާގައި ގެއްލުން ލިބުނު ސިވިލް ސަރވިސްގެ މުވައްޒަފުން، އެ މުވައްޒަފުން މަސައްކަތްކުރާ އިދާރާއަށް ހުށަހެޅުމުން ޗުއްޓީގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް ސިވިލް ސަރވިސްގެ އިދާރާތަކަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް ހުކުރު ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ. އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.