ހަބަރު

ޝެލްޓާ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އެކުލަވައިލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށް ޓަކައި ލަފާއާއި މަޝްވަރާ ދޭ ހާއްސަ ކޮމިޓީއެއް "ޝެލްޓާ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން މިއަދު އެކުލަވައިލައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކަމާ ގުޅުން ހުރި ދާއިރާތަކުގެ 13 މެންބަރެއްގެ މައްޗަށް އެކުލެވިގެންވާ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ކުޑަކުދިންގެ ހިޔާ – ސީ.އީ.އޯ، ފިޔަވަތި – ސީ.އީ.އޯ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޮލިޓެކްނިކް، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާއެއްގެ އިތުރުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެމްބެސެޑަރ އަދި އޮންޓަރޕްރިނިއަރއެއް ކަމަށެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު އެ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ކުއްލި ބައްދަލުވުމެއް ބޭއްވުމެއް ހަމަޖެހިފައިވާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކޮންމެ ތިން މަހަކުން އެއް ފަހަރު ޖެންޑާ މިނިސްޓަރާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެވަޑައިގަންނަވާ ހާއްސަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.