ހަބަރު

ސިނާއީ އަވަށަކީ "ޖަންކުޔާޑެއް": އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ތަރައްގީ ކުރި ސިނާއި އަވަށް ސިފަވަނީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކަރު ތަނެއްގެ ގޮތުގައި ކަމަށާއި އެއީ "ޖަންކްޔާޑެއް" ނުވަތަ ކުނި ގޮނޑެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން 186 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދީގެން ތަރައްގީކުރަން އުޅޭ ސިނާއި ސަރަހައްދުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މާލޭގައި ސިނާއި ސަރަހައްދެއް ގާއިމް ކުރުމުގެ މަގްސަދާއި މެދު އޭނާއަށް ޝައްކުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިނާއި ސަރަހައްދު ތަރައްގީކުރި ދުވަސްވަރަކީ މާލެ ހުޅުމާލެ ބްރިޖުގެ މަސައްކަތް ނިމެމުންދާ ދުވަސްވަރަށް ވެފައި، އަދި ހުޅުމާލޭގެ ޕޭސް ދޭއްގައި ސިނާއީ ސައިޓުތަކެއް ހެނދުން ހިމަނާފައިވާއިރު އެހާ ބޮޑު ހަރަދެއް ކޮށްގެން މާލޭގައި ސިނާއި ސަރަހައްދެއް ތަރައްގީ ކުރުމުގެ ބޭނުމެއް ނޭނގޭ ކަމަށެވެ.

މިހާރު ސިނާއި އަވަށް ތަރައްގީކޮށްފައިވާ ސަރަހައްދުގައި ސިނާއި މަސައްކަތް ފަށައިފިނަމަ، ރިންގް ރޯޑު އުޅަނދުތަކުން ތޮއް ޖެހޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ތަނުގެ ވޯޓާ ބްރޭކްގެ މަސައްކަތް ކުރި ޖަޕާނުގެ ކުންފުނިން އެތަނަކީ ސިނާއި މަސައްކަތަށް ކުރުމަށް އެކަށީގެންވާ ބަނދަރެއް ހަދަން ކަމުދާ ތަނެއް ނޫންކަމަށް ބުނެފައި ވަނިކޮށް ވެސް، ބަނދަރު ހެނދުމުގެ ގޮތުން ނެރު ކަނޑައި އެ ނެރު ބޭނުން ކުރުމުން ލިބުނު ގެއްލުންތަށް އަދިވެސް ފެންނަ އެބަ ހުރި ކަމަށެވެ.

ސިނާއި އަވަށުގެ މަޝްރުއާ ގުޅޭގޮތުން މިނިސްޓަރު އަސްލަމް ފާޑު ވިދާޅުވެފައި މިވަނީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު، މާލޭގެ ހުރި ކެމިކަލް ގުދަންތަށް މިހާރު ސިނާއި އަވަށަށް ބަދަލު ކުރެވިފައި ހުންނަން ވާނެ ކަމަށް ވިދާޅުވެ މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މުއިއްޒު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެންނެވެ. ޔާމީންގެ ސަރުކާރުން މާލެގައި ސިނާއި ސަރަހައްދެއް ތަރައްގީ ކުރަން ނިންމީ، މާލޭ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ކެމިކަލް ގުދަންތަށް ބަދަލު ކުރުމުގެ ބޭނުމުގަ އެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މިހާރުގެ ސަރުކާރުން ސިނާއި އަވަށް ބޭނުން ކުރަން ނިންމާފައިވަނީ ޕަބްލިކް ޕްލޭސް އެއްގެ ގޮތުގައި ކުޅޭ ތަންތަން ވެސް ތަރައްގީކޮށް، އާންމުން ހިތްހަމަ ޖައްސާލަން ގޮސް އުޅޭ ތަނެއްގެ ގޮތުގައި ކަމަށެވެ.