ހަބަރު

ސިނާއި އަވަށް ތަރައްގީ ކުރަނީ ޕަބްލިކް ޕްލޭސްއެއްގެ ގޮތުގަ: އަސްލަމް

މާލޭގެ ސިނާއި ސަރަހައްދު މިސަރުކާރުން ބޭނުން ކުރަން ނިންމާފައިވަނީ ސިނާއި މަސައްކަތް ކުރާ ސަރަހަދެއްގެ ގޮތުގެ ބަދަލުގައި ޕަބްލިކް ޕްލޭސްއެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގަ އެވެ. އެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މިހާރު ސިނާއި ސަރަހައްދުގެ ވަރަށް ބޮޑު ބައެއް ސާފުކޮށްފައިވާ ކަމަށެވެ. އަދި އެތަން ތަރައްގީކުރަން ސަރުކާރުން ބޭނުންވަނީ އާންމު ހިތްހަމަ ޖައްސާލަން ދާ ތަނެއްގެ އިތުރުން ޕާކުތަކާއި ކުޅޭނެ ތަންތަން ހަދައި ޕަބްލިކް ޕްލޭސްގެ އެއްގެ ގޮތުގަ އެވެ.

ސިނާއި އަވަށް ޕަބްލިކް ޕްލޭސްއަކަށް ހެދުމާއި ބެހޭގޮތުން މަލޭ ސިޓީ ކައުންސިލާއި މަޝްވަރާކުރާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ކުރީ ސަރުކާރުން މާލޭގައި ސިނާއި ސަރަހައްދެއް ތަރަައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވުމުން އެކަމާ ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ތަރައްގީ ކުރި ސިނާއި އަވަށް ސިފަވަނީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކަރު ތަނެއްގެ ގޮތުގައި ކަމަށެވެ.

އަދި ވިދާޅުވީ ކުރީ ސަރުކާރުން 186 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކަށް ދީގެން ތަރައްގީކުރަން އުޅޭ ސިނާއި އަވަށުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފޭނެ ކަމަށް ވުމުން، ސިނާއި ސަރަހައްދުގެ ގާއިމްކުރުމުގެ މަގްސަދާއި ޝައްކު އުފެދޭ ކަމަށެވެ. އަސްލަމް އިތުރަށް ވިދާޅުވީ، ސިނާއީ އަވަށް ތަރައްގީކުރި ދުވަސްވަރަކީ މާލެ ހުޅުމާލެ ބްރިޖުގެ މަސައްކަތް ނިމެމުންދާ ދުވަސްވަރަށް ވެފައި، އަދި ހުޅުމާލޭގެ ޕޭސް ދޭއްގައި ސިނާއީ ސައިޓުތަކެއް ހެނދުން ހިމަނާފައިވާއިރު އެހާ ބޮޑު ހަރަދެއް ކޮށްގެން މާލޭގައި ސިނާއީ އަވަށެއް ތަރައްގީ ކުރުމުގެ ބޭނުމެއް ނޭނގޭ ކަމަށެވެ.

މިހާރު ސިނާއި އަވަށް ތަރައްގީކޮށްފައިވާ ސަރަހައްދުގައި ސިނާއި މަސައްކަތް ފަށައިފިނަމަ، ރިންގް ރޯޑު އުޅަނދުތަކުން ތޮއް ޖެހޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ތަނުގެ ވޯޓާ ބްރޭކްގެ މަސައްކަތް ކުރި ޖަޕާނުގެ ކުންފުނިން އެތަނަކީ ސިނާއި މަސައްކަތަށް ކުރުމަށް އެކަށީގެންވާ ބަނދަރެއް ހަދަން ކަމުދާ ތަނެއް ނޫންކަމަށް ބުނެފައި ވަނިކޮށް ވެސް، ބަނދަރު ހެނދުމުގެ ގޮތުން ނެރު ކަނޑައި އެ ނެރު ބޭނުން ކުރުމުން ލިބުނު ގެއްލުންތަށް އަދިވެސް ފެންނަ އެބަ ހުރި ކަމަށެވެ.

ސިނާއި އަވަށުގެ މަޝްރުއާ ގުޅޭގޮތުން މިނިސްޓަރު އަސްލަމް ފާޑު ވިދާޅުވެފައި މިވަނީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު، މާލޭގެ ހުރި ކެމިކަލް ގުދަންތަށް މިހާރު ސިނާއި އަވަށަށް ބަދަލު ކުރެވިފައި ހުންނަން ވާނެ ކަމަށް ވިދާޅުވެ މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މުއިއްޒު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެންނެވެ. ޔާމީންގެ ސަރުކާރުން މާލެގައި ސިނާއި ސަރަހައްދެއް ތަރައްގީ ކުރަން ނިންމީ، މާލޭ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ކެމިކަލް ގުދަންތަށް ބަދަލު ކުރުމުގެ ބޭނުމުގަ އެވެ.